ޚަބަރު

ކަކުލަށް އަނިޔާވެ ނާއިމް 6 މަސް ދުވަހަށް ކުޅުމާއި ދުރަށް


ޤައުމީ ޓީމާއި ކުލަބު އީގަލްސްގެ ފޯވާޑް މުހައްމަދު ނާއިމްގެ ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން 6 މަސް ދުވަހަށް ކުޅުމާއި ދުރަށް ދާންޖެހިއްޖެއެވެ.

މި ސީޒަންގައި ކުލަބާއި ގައުމީ ޓީމްގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ނާއިމްއަށް އަނިޔާވެފައިވަނީ ޕްރިމިއަރ ލީގްގައި މާޒިޔާ އާއި ކުލަބް އީގަލްސް ވާދަކުރި މެޗުގައެވެ. ނާއިމްގެ ކަކުލުގެ ލިގަމެންޓްއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް ނާއިމްގެ ޖެހޭނީ އޮޕަރޭޝަން ކުރަށެވެ. އޮޕަރޭޝަން ކުރުމަށްފަހު ނާއިމް 6މަސް ދުވަހަށް ކުޅުމާއި ދުރަށް ދާންޖެހިފައިވާއިރު، މިސީޒަންގައި ބާކީ އޮތްބައިގައި ނާއިމްއަކަށް ނުކުޅެވޭނެއެވެ. ކ.ގުރައިދޫއަށް އުފަން ނާއިމް އަންނަނީ ފާއިތުވި ދެ އަހަރުވެސް ކުލަބް އީގަލްސްގައި މޮޅު ކުޅުމެއް ދައްކަންމުންނެވެ. މިދިޔަ އަހަރު އޮތް ސާފް ޗެންޕިއަންޝިޕް ސްކޮޑްއަށް ނާއިމް ނަގާ، ނާއިމްވަނީ ގަތަރުގައި ތަމްރީންތަށްވެސް ފުރިހަމަކޮށްފައެވެ. ނަމަވެސް ތަމްރީންތަކަށްފަހު ސާފް ޗެންޕިއަންޝިޕްއަށް ނެގި ޓީމުން ނާއިމްއަށް ފުރުސަތެއް ނުލިބުނެވެ.
ގައުމީ ސީނިއަރ ޓީމުން ނާއިމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިންނެވެ. އޭގެ ފަހުން ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖޭގެ ޓީމުން ކުޅުނު ތިން މެޗްގައިވެސް ނާއިމް ވަނީ ކުޅެފައެވެ.