ކުޅިވަރު

ފިލިޕީންސްއާއި ގުއާމް މެޗުން މޮޅުވޭތޯ އެންމެން މަސައްކަތްކޮށްދޭންޖެހޭ: ބައްސާމް


ވޯލްޑްކަޕް ކޮލިފައިންގައި މިއަންނަ މަހު މާލޭގައި ފިލިޕީންސްއާއި ގުއާމް އަތުން މޮޅުވާން ހުރިހާ އެންމެން މަސައްކަތްކޮށްދޭންޖެހެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިހެން ވިދާޅުވީ ގައުމީ ޓީމްއަށް ލަފާދޭ ކޮމެޓީއިން އިސްނަގައިގެން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި އެފްއޭއެމްގެ ސްޓާފުންނާއި ގައުމީ ޓީމްއާއި ކުލަބްތަކުގެ ކޯޗުންގެ އިތުރުން ކުލަބްތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

ބައްސާމް ވިދާޅުވީ އޭޝިއަން ކަޕްއަށް ކޮލިފައިވުމަށް ކުރާ މަސައްކަތުގައި މިއަންނަ މަހުގައި މާލޭގައި ފިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް ކުޅޭ ދެ މެޗުން މޮޅުވުން މުހިންމުކަމަށާއި މިއީ ހަމައެކަނި އެފްއޭއެމަށް ނުވަތަ ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ކުރެވޭނެކަމެއްނޫންކަމަށެވެ. މި ދެ މެޗުން 6 ޕޮއިންޓް ހޯދުމަށް ޤައުމީ ޓީމްގެ ކުޅުންތެރިން ކުރަމުންގެންދާ މަސައްކަތުގައި ސަޕޯޓަރުންގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ބޭނުންވާކަމަށް އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.
"މިދެ މެޗުން މޮޅުވާން ވަރަށް މުހިންމު. މިއީ ހަމައެކަނި އެފްއޭއެމްއަށް ކުރެވޭނެކަމެއް ނޫން. މިކަމުގައި އެފްއޭއެމްއާއެކު ހުރިހާ ފަރާތްތަކުންވެސް އެއްބާލުން ދޭން އެބަޖެހޭ. ސްޕޯޓަރުންގެ އެހީވެސް ވަރަށް ބޮޑަށް ބޭނުންވާނެ. ސާފް ޗެންޕިއަންޝިޕްއަށް ވުރެއް ދުރަށް މިހާރު ވިސްނުން އެބަޖެހޭ ބަހައްޓަން. އެއަށް ވުރެއް ދުރަށް ދާން އެބަޖެހޭ. އޭޝިއަން ކަޕްއަށް ދާން ކުރަމުންގެންދާ މަސައްކަތުގައި އެންމެ އަތުގުޅާލަން އަޅުގަނޑު ގޮވާލަން." ބައްސާމް ބުންޏެވެ.

ބައްސާމް ވިދާޅުވީ މި އަހަރުގެ ފުޓްބޯޅަ ސީޒަންގެ ކަލަންޑަރަށް ވަރަށް ގިނަ ފަހަރު ބަދަލްތައް ގެންނަންޖެހިފައިވާކަމަށާއި ގިނަ ފަހަރު ބަދަލް ގެންނަނީ ޤައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުންކަމަށް. އެފްއޭއެމަށް މިއަހަރު އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒްވެފައިވަނީ ކަލަންޑަރަށް ބަދަލްތައް ގެނެސްގެންކަމަށް ބައްސާމް ވިދާޅުވި. ކަލަންޑަރަށް އަންނަ ކޮންމެ ބަދަލަކާއިއެކު ކުލަބްތަކުން ވަރަށް ބޮޑު ތަކްލީފްތަކެއް އުފުލަންޖެހޭކަމަށާއި ނަމަވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ކަލަންޑަރުގެ މައްސަލަވެސް ހައްލުވާނެކަމަށް ބައްސާމް ވިދާޅުވިއެވެ.
"އަޅުގަނޑުވެސް ބޭނުމެއް ނުވޭ އަބަދު ކަލަންޑަރު ބަދަލް ކުރާކަށް. މިއީ އެފްއޭއެމްއަށްވެސް ފަސޭހަކަމެއް ނޫން. މިކަމުން އެފްއޭއެމްއަށްވެސް ވަރަށް މަސައްކަތް ބުރަވޭ. އެފްއޭއެމްއާއި ދިމާލަށް ކިޔާ ފާޑުކިއުންތަށްވެސް ވަނީ އިތުރުވެފަ. ނަމަވެސް ކަލަންޑަށް ގެންނަ ބަދަލްތަށް ކިޔާ ފާޑުކިއުންތަތަށް އަބަދުވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަންނަން. ކަލަންޑަރަށް ގިނަ ފަހަރު ބަދަލް ގެނެސްފައިވާނީ ގައުމީ ޓީމްއަށް ފުރުސަތު ދިނުމުގެ ގޮތުން." ބައްސާމް ބުންޏެވެ.