ކުޅިވަރު

މުޒާހަރާތަކާއި ހެދި އެލްކްލަސިކޯ މެޗު ފަސްކޮށްފި


ބާސެލޯނާގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން މި ސީޒަންގެ ފުރަތަމަ އެލް ކްލަސިކޯ ފަސްކޮށްފިއެވެ.

ބާސެލޯނާ ހިމެނޭ ކެޓަލޫނިއާ ސަރަހައްދުގެ ނުވަ ލީޑަރުން މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރުމާ ގުޅިގެން ގިނަ މުޒާހަރާތަކަކާއި ހަމަނުޖެހުންތަކެއް އަންނަނީ ހިނގަމުންނެވެ. އެހެންވެ ސަލާމަތީ ގޮތުން ބަލާއިރު މި ދަނޑިވަޅުގައި ބާސެލޯނާ ސަރަހައްދުގައި ރެއާލާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗެއް ކުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށްބަލައި މެޗު ފަސްކޮށްފައިވަނީ ޑިސެމްބަރު 18އަށެވެ.
މި މެޗު ފަސްކުރުމުގެ ކުރިން ބާސެލޯނާގެ ދަނޑުގެ ބަދަލުގައި މި މެޗު ރެއާލްގެ ދަނޑުގައި ކުޅެންވެސް ލަލީގާއިން މަޝްވަރާކުރިއެވެ. އެކަމަކު މިކަމަށް ދެކުލަބުންވެސްވަނީ ދެކޮޅު ހަދާފައެވެ.

ބާސެލޯނާގެ ކޯޗު ވަލްވާޑޭ ބުނީ އަމިއްލަ ދަނޑުގައި ރެއާލް ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅެން ލިބޭ ފުރުސަތު ގެއްލުވާލަން ބޭނުންނުވާކަމަށެވެ. ރެއާލްގެ ކޯޗު ޒިދާން ބުނީ ލަލީގާއިން ނިންމާ ކޮންމެ ނިންމުމަކަށް އިޚުތިރާމްކުރާނެކަމަށާއި، މެޗު ފަސްކުރުމަކީ އެންމެ ރަނގަޅު ނިންމުންކަމަށެވެ.