އެމެރިކާގެ ނާއިބުރައީސް މައިކް ޕެންސް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންއާއި އަންކާރާގައި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެކެވުނު ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީވިލާތުން ސޫރިޔާގައި މިހާރު ހިންގަމުންދާ ޢަސްކަރީ ޙަރަކާތް 5 ދުވަހުގެ މުއްދަތަށް މެދުކަނޑާލަން ތުރުކީވިލާތުން ވަނީ އެއްބަސްވެފައެވެ. ޙަމަލާތައް ވަގުތީގޮތުން މެދުކަނޑާލާފައި މިވަނީ ތުރުކީވިލާތުން ބޭނުންވާ ސަރަޙައްދު އަމާންތަނަކަށް ހެދުމަށް ކުރުދީ ހަނގުރާމަވެރިން 20 މޭލު ފަހަތަށްޖެހުމަށް ފުރުޞަތުދިނުމުގެ ގޮތުންނެވެ.
ތުރުކީވިލާތުން ސޫރިޔާގެ އުތުރުގައި ހިންގަމުންދާ އަސްކަރީ ޙަރަކާތުގެ ސަބަބުން ދެލައްކައަށްވުރެ ގިނަ ޢާއްމު ރައްޔިތުންވަނީ ގެދޮރު ދޫކޮށް އެކިތަންތަނަށް ހިޖުރަކޮށްފަ.
އެހެންކަމުން، އެ ހިސާބުގައި ރެފިއުޖީން ގިނަވެ އިންސާނީ ކާރިޡާއެއް ކުރިމަތިވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ. ޙަމަލާތައް ހުއްޓާނުލައިފިނަމަ ތުރުކީވިލާތާ ދެކޮޅަށް އިޤްތިޞާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ކުރިންވެސްވަނީ ދީފައެވެ.
ތުރުކީވިލާތުން ޙަމަލާތައް މެދުކަނޑާލަން އެއްބަސްވުމާ ގުޅިގެން އެކަމާ ހިތްހަމަޖެހިވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ވިދާޅުވެފައިވަނީ ތުރުކީވިލާތާއި ކުރުދީންގެ މެދުގައި އެފަދައިން އެއްބަސްވުމަކީ މީގެ ތިން ދުވަސްކުރިން ވެދާނެކަމަށް ހީވެސްކުރެވުނުކަމެއް ނޫންކަމަށެވެ.
ކުރުދީ ޖަމާޢަތްތަކުން ބަލަހައްޓަމުން އަންނަ ސޫރިޔާގެ ޖަލުތަކުގައި އެތަކެއްހާސް އައިއެސް ހަނގުރާމަވެރިން ބަންދުކޮށްފައި އެބަތިއްބެވެ. އެތަންތަން ބަލަހައްޓާނެ ބަޔަކުނެތި ޖަލުތައް މިހާރުވަނީ ދޫކޮށްލެވިފައެވެ. މިހެންކަމުން އައިސް ހަނގުރާމަވެރިން ޖަލުތަކުން ނުކުމެ އެ ސަރަޙައްދުގެ ސަލާމަތްކަމަށް ނުރައްކާކޮށްފާނެކަމުގެ ބިރުވަނީ ހީވެފައެވެ.