ސިޔާސީ

އުމުރާއި ގުޅޭ އިސްލާހު ފާސްކުރުމަށް ޕީޕީއެމުން ތްރީލައިން ވިޕެއް


ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ޕީޕީއެމް-އެމްޑީއޭ  ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕޫން ރޭ ނިންމައިފިއެވެ.މިގޮތަށް ނިންމީ ހުށަހަޅާފައިވާ އިސްލާޙާއި ގުޅިގެން ކުރީގެ  ރައީސް އަދި ވެރިކަންކުރާ ޕީޕީީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިޓީފުޅެއް ރޭ ފޮނުއްވާފައިވަނިކޮށެވެ.ޕީޕީއެމް ޕީޖީ ގްރޫޕްގެ އޮފިޝަލަކު ވިދާޅުވީ ރޭގެ ބައްދަލުވުމަށް ރައީސް މައުމޫން ފޮނުއްވާފައިވާ ސިޓީ އިއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ސިޓީގެ ތަފްޞީލެއް ހާމައެއް ނުކުރައްވައެވެ.މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާޢީލް ޤާނޫނު އަސާސީ އަށް  ހުށައަޅާފައިވާ އިސްލާހްގައިވަނީ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަޤާމާއި ، ރައީސުލްޖުމްުހޫރިއްޔާގެ ނާއިބް ގެ މަޤާމަށް ކުރިމަތިލެވޭނެ އުމުރަކީ ތިރީސް އަހަރާއި ފަސްދޮޅަސް ފަސްއަހަރާއި ދެމެދުކަމަށެވެ.މިހާރު ގާނޫނު އަސާސީގައި ބުނެފައިވަނީ، އެދެމަގާމަށް ކުރިމަތިލެވޭނެ އެންމެ ހަގު އުމުރަކީ ތިރީސް ފަސްއަހަރުކަމަށެވެ. އަދި ކުރިމަތި ނުލެވޭނެ ވަކިއުމުރެއް ބަޔާންކޮށްފައެއްނުވެއެވެ.މުހައްމަދު އިސްމާއިލް ވިދާޅުވީ، މިސްލާހު ހުށައެޅުމުގެ ބޭނުމަކީ، އެމަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފެންވަރުގެ ގާބިލް، އުފެއްދުންތެރި ޒުވާނުން ތިބިއިރު ވެރިކަންކުރުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވާލުންކަމަށެވެ.އިދިކޮޅު އެމްޑީޕީންވެސް ރައީސްކަމަށާއި، ނައިބު ރައީސްކަމަށް ކުރިމަތި ލެވޭނެ އުމުރު ދަށްކުރުމަށް ތާއީދުކުރެއެވެ.މިއީ ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާޙަކަށް ވާތީ މި އިސްލާޙް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައި ވޯޓް ބޭނުންވާނެއެވެ. އެއީ އަށްޑިހަ ފަސް މެމްބަރުންގެތެރެއިން ފަސްދޮޅަސް ހަތަރު މެމްބަރުންގެ ވޯޓެވެ.