ޚަބަރު

ސޯޝަލް މީޑިއާމެދުވެރިކޮށް ދީނާއި ޙިލާފަށް ކުރެވޭ ކަންކަން ހުއްޓުވާނަން - މަލީޙް


ސޯޝަލް މީޑިއާމެދުވެރިކޮށް ދީނާއި ޙިލާފަށް ކުރެވޭ ކަންކަން ހުއްޓުވާނެކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ މިހާތަނަށްވެސް ދީނާއި، ޙިލާފަށް ސޯޝަލް މީޑިޔާގައި ހިންގާ ކަންކަން ހުއްޓުވުމުގައި އެވުޒާރާއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

ދާދިފަހުންވެސް ސޯޝަލް މީޑިޔާ މެދުވެރިކޮށް ރާއްޖޭގައި ހިންގަމުންދިޔަ ދީނާ ޙިލާފް މިފަދަ ހަރަކާތެއް އިންޓަޕޯލްއާއި، ފޭސްބުކާއި ގޫގަލްގެ ވެރިންނާއި މުއާމަލާތްކޮށްގެން ހުއްޓުވާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވުމުގައި ދުނިޔޭގެ ސޯޝަލް މީޑިޔާތައް ހިންގާ އިސްފަރާތްތަކުގެ އެއްބާރުުލުން ވަރަށްބޮޑަށް ލިބެމުންދާކަމަށެވެ.

މިނިސްޓަރ މަލީހު ވިދާޅުވީ ރާއްޖެއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ދުނިޔޭގެ އެހެންޤައުމުތަކާއި ގުޅިގެން ކަންކަން ކުރާ ޤައުމަކަށް ވުމަކީ ސަރުކާރުންވެސް ބޭނުންވާ ގޮތްކަމަށެވެ. އަދި ވިޔަފާރީގެ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، މިނޫންވެސް ރާއްޖެއަށް ސޯޝަލް މީޑިއާމެދުވެރިކޮށް އިޤްތިޞާދީ އަދި ތަރައްޤީއަށް ފައިދާވާގޮތަށް ފަހިވާންހުރި ކަންކަމަށް ހުރަސްއެޅުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަލީހް ވިދާޅުވީ ރާއްޖެއަކީ ދުނިޔެއަށް ފޮރުވިފައިވާ އަދި ދުނިޔޭގެ ޤައުމުތަކާއި ގުޅުމެއްނެތި އޮތް ޤައުމެއްގެ ގޮތުގައި އޮތް ދުވަސްތައް މާޒީއަށް ދޫކޮށްލާފައިވާކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރާ ހުޅުވާލެވިފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.