ޚަބަރު

ޑޮކްޓަރުންގެ އެޕޮއިންޓުމަންޓު ހެއްދޭ އެޕެއް ތަޢާރަފްކުރަނީ


އެޕެއް މެދުވެރިކޮށް ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހެދޭނެ ނިޒާމެއް ތަޢާރަފްކުރުމަށް ދިރާގުން ނިންމައިފިއެވެ. މިއާއެކު ކިއުގައި މަޑުނުކޮށް ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހަމަޖެހޭނެކަމަށް ދިރާގުން ވިދާޅުވެއެވެ.

ރާއްޖޭގައި ސިއްޙީ ފަރުވާ ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ އިތުރުން އާސަންދަ ފަދަ ތަންތަނުގެ ޚިދުމަތްތައް ދިރާސާކުރުމަށްފަހު ތައްޔާރުކުރި މިއެޕްގެ ސަބަބުން ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ދިރާގުން ވިދާޅުވެއެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިރާގުގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން މެނޭޖަރ އާމިނަތު ޝޫޒާ ވިދާޅުވީ ދިރާގު އެޕަށް ރަޖިސްޓަރވުމުގެ ފުރުސަތު ހުރިހާ ފަރާތަކަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މާލެއާ އެއްގޮތަށް އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނަށްވެސް މިފުރުސަތު އޮތްކަމަށް ދިރާގުން ވިދާޅުވެއެވެ. އެގޮތުން މިހާރު ބައެއް ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން މިއެޕަށް ރަޖިސްޓަރ ވެފައިވާކަމަށްވެސް ދިރާގުން މަޢުލޫމާތުދެއްވައެވެ.

މިހާރުވެސް އެޕޮއިންޓްމަންޓް ހޯދާ އުސޫލުން އެއަށްވުރެ ފަސޭހަ އަދި އަވަސް ޚިދުމަތެއް މިއެޕް މެދުވެރިކޮށް ލިބިގެންދާނެކަމަށް ދިރާގުން ވިދާޅުވެއެވެ. އަދި ވަރަށް އަވަސް މުސްތަޤުބަލެއްގައި އެޕަލް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން މިއެޕް ލިބެން ހުންނާނެކަމަށްވެސް ދިރާގުން ވިދާޅުވެއެވެ.