މުނިފޫހިފިލުވުން

ނިއުމާގެ އާ ޝޯއަކާއި ޕްރޮޑިއުސްކުރާ ދެ ފިލްމެއް އަންނަނީ


ފިލްމީ ކެރިއަރަށް 25 އަހަރު ފާހަގަކުރުމާއި އެކު މަޝްހޫރު ބަތަލާ ނިއުމާ މުޙައްމަދުގެ މުޅިން އާ ތިން ޕްރޮޖެކްޓެއް އިއުލާންކޮށްފިއެވެ.

ނިއުމާވަނީ އެނާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުމުގެ ރިހިޔޫބީލް ފާހަގަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ "ސެލެބްރޭޓިން 25" ގެ ނަމުގައި ހާއްސަ ޙަފްލާއެއް ބާއްވާފައެވެ. މި ޙަފްލާ ޝަރުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. މި ޙަފްލާގައި ގިނަ އަދަދެއްގެ އެހާރާއި މިހާރުގެ ފިލްމީ ތަރިންވަނީ ބައިވެރިވެފައެވެ.

މި ހަފްލާގައި ނިއުމާ މުޙައްމަދު ވަނީ އޭނާގެ ކުރިޔަށް އޮތް 3 ޕްރޮޖެކްޓް އިއުލާންކޮށްފައެވެ. މި ގޮތުން ނިއުމާގެ އާ ޕްރޮޖެކްޓްތަކުގެ ގޮތުގައި އޮތީ ނިއުމާގެ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ސްޓޫޑިއޯ ޕްރޮޑަކްޝަނުން" ޕްރޮޑިއުސްކުރާ 2 ފިލްމަކާއި ނިއުމާ ހުށައަޅާ ޕްރޮގްރާމެކެވެ.

ނިއުމާ ޕްރެޒެންޓްކުރާ ޝޯގެ ނަމަކީ "ރީލް ރިއަލް ވިތް ނިއުމާ " އެވެ. މި ޝޯ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ބައިސްކޯޕުންނެވެ.

ނިއުމާ އިއުލާންކުރި ދެ ފިލްމަކީ " ގޯނާ " އާއި " ކަޅަކި " އެވެ. މި ދެ ފިލްމުގެ ތެރެއިން " ކަޅަކި" އަކީ މަޝްހޫރި ފިލްމީތަރި އަދި ޕްރޮއުޑިއުސަރ ޑައިރެކްޓަރ ޔޫސުފް ޝަފީއު ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ އަލީ ސީޒަނާއި މުހައްމަދު ފައިސަލްގެ އިތުރުން އައިމިނަތު ރިޝްފާއެވެ.

ނިއުމާ ޕްރޮޑިއުސްކުރާ ދެވަނަ ފިލްމަކީ "ގޯނާ" އެވެ. ރަވީ ފާރޫގް ޑައިރެކްޓް ކުރާ މި ފިލުމުން ނިއުމާގެ ދަރިފުޅު ޒޯޔާވެސް ފެނިގެންދާނެއެވެ. މި އަހަރު ރިލީޒްކުރި " ނިވާރޯޅި" އާއި އެކު ނިއުމާވަނީ އެކްޓިންގެ ދާއިރާއިން ރިޓަޔަރ ކުރިކަން އިއުލާންކޮށްފައެވެ.