ޚަބަރު

3ވަނަ މޯލްޑިވްސް މެޑިކަލް އެކްސްޕޯ ފަށައިފި


ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައިވެރިންނާއެކު 3ވަނަ މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ ފަށައިފިއެވެ. މެޑިކަލް އެކްސްޕޯ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓު މިނިސްޓަރ ޑރ.ޝާހް ޢަބްދުﷲ މާހިރެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓު މިނިސްޓަރ ޑރ.ޝާހް ޢަބްދުﷲ މާހިރު ވިދާޅުވީ ރާއްޖޭގެ މެޑިކަލް ދާއިރާ ކުރިއެރުވުމުގައި އަމިއްލަ ފަރާތްތަކުން ކުރައްވަމުންގެންދަވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކަމަށެވެ.

މެޑިކަލް އެކްސްޕޯފަދަ އެގްޒިބިޝަންތަކުގެ ސަބަބުން މިދާއިރާގައި މަސައްކަތްކުރާ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ޚިޔާލު ބަދަލުކުރެވި މަޝްވަރާކޮށް އިތުރަށް މިދާއިރާ ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަނެވޭނެކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އުކުޅުތައްވެސް ދަސްކުރުމަށް މިފަދަ އެކްސްޕޯތަކުން މަގުފަހިވެގެންދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 5 އަހަރު ރާއްޖޭގެ މެޑިކަލް ދާއިރާއަށް ތަފާތު ޓެކްނޮލޮޖީތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރު ވިދާޅުވިއެވެ.

"މެޑިކަލް ޓުއަރިޒަމް ރާއްޖެއަށް ތަޢާރަފކުރުމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުން، މިފަދަ އެކްސްޕޯތަކުން ބޭރުގެ އެކި ފަރާތްތަކާއި ބައްދަލުވެ މި ލަނޑުދަނޑިއަށް ވާސިލުވުމުގެ ފުރުސަތު ފަހިވެގެންދާނެ. އަޅުގަނޑު އެދެނީ ކުރިއަށް އޮތްތަނުގައި މިފަދަ އެކްސްޕޯތަކަށް ރާއްޖޭގައި ހަދާ މެޑިކަލް އެކި ރިސަރޗްތައްވެސް ބައިވެރިކޮށް އެއާ ގުޅޭ މައުލޫމާތުތައްވެސް މީގެތެރެއިން ލިބިގެން ދިޔުން. މެޑިކަލް ޓުއަރިޒަމް ތަޢާރަފްކުރުމަށް އަމިއްލަ ފަރާތްތަކުން އިތުރަށް މަސައްކަތްކުރުމަށް އަޅުގަނޑު އެދެން" ޑރ.ޝާހް މާހިރު ވިދާޅުވިއެވެ.

މިމަހުގެ 18އިން 20އަށް ކުރިއަށްގެންދާ މިއެކްސްޕޯއަކީ އެމްވީ މެޑިކަލްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސިއްޙީ ދާއިރައާގުޅޭ އެންމެ ބޮޑު ހެލްތު އެގްޒިބިޝަނެވެ. 20އަށްވުރެ ގިނަ އެގްޒިބިޓަރުން މިއެކްސްޕޯގައި ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އިންޑިއާ ސްރީ ލަންކާ އަދި ބެންކޮކްގެ ހޮސްޕިޓަލްތަކުން ވަނީ ބައިވެރިވެފައެވެ.

3 ދުވަހުގެ މުއްދަކަށް ކުރިއަށް ގެންދާ މިއެކްސްޕޯގެ ތެރެއިން ޢާއްމުނަށްވެސް ސިއްޙީ ދުޅަހެޔޮކަމާއި ގުޅޭ މައުލޫމާތާއި ބްލަޑް ޕްރެޝަރއާއި ސްޓްރެސް ޗެކްކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު 4 އަކުން ރޭގަނޑު 11 ޖެހުމާއި ހަމައަށް ދަރުބާރުގޭގައި މިއެކްސްޕޯ ކުރިއަށްގެންދާނެކަމަށް އެމްވީ މެޑިކަލްސްއިން ވިދާޅުވެއެވެ.