ކުޅިވަރު

ސިންގަޕޫރުގެ ޤައުމީ ޓީމް އަތުން ރާއްޖެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ


ސިންގަޕޫރު ތަމްރީން ދަތުރުގައި ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުގައި ސިންގަޕޫރުގެ ޤައުމީ ޓީމް އަތުން ރާއްޖެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

ދެކުނު އިރުމަތީ އޭޝިޔާގައި ކުރިއެރުންތައް ހޯދަމުން އަންނަ ސިންގަޕޫރުގައި ޤައުމީ ޓީމާއި ދެކޮޅަށް ރާއްޖެ ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ބަލިވީ 98 ޕޮއިންޓް 46 ޕޮއިންޓުންނެވެ.

މިމެޗުގެ ފުރަތަ ކުއާޓަރއިން ފެށިގެންވެސް ސިންގަޕޫރުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެޓީމުން އެންމެ ރަނގަޅަށް މެޗުގައި ކުޅުނީ 18 ޕޮއިންޓް އެއްކޮށްދިން ލެމީ ލިއު އާއި ތޭރަ ޕޮއިންޓް އެއްކޮށްދިން ލެވިން ރާޖްއެވެ.

ރާއްޖޭގެ ކުޅުންތެރިންވަނީ މެޗުގެ ފުރަތަމަ ދެކުއާޓާރގައިވެސް ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކާފައެވެ. ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 9 ޕޮއިންްޓް ސްކޯރކުރި އަހުމަދު ފިރާޝް އާއި ހަތް ޕޮއިންޓް ސްކޯރކޮށްދިން ޒަކަރިއްޔާ މަންސޫރު އާއި އަބްދުﷲ އަމްޒަރެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރާއްޖެ ޓީމުގެ ކޯޗް ކޯރޭ ބެލްސާ ބުނީ މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ ކަމަށާއި، ސިނގަޕޫރު ފަދަ ދުނިޔޭގެ ފެންވަރުގައި ބާސްކެޓްބޯޅަ ކުޅޭ ޓީމަކާއި ދެކޮޅަށް ނެރުނު ނަތީޖާ އާއިމެދު ހިތްހަމަޖެހޭކަމަށެވެ. އަދި މިމެޗުގައި ކޮންމެވެސް ވަރަށް ގޯސް ހެދުނު ކަމަށާއި، މިފަދަ ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބުނު ވަރަކަށް ކުޅުންތެރިންގެ ފެންވަރު ރަނގަޅުވާނެކަމަށްވެސް ކޯޗް ބުންޏެވެ.

"ހަގީގަތުގައި މިވަރު ވަރުގަދަ ޓިމަކާއި ދެކޮޅަށް ދެއްކު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ، ޚާއްސަކޮށް ފުރަތަމަ ދެކުއާޓާގައި ދެއްކީ ތަފާތު މޮޅު ކުޅުމެއް، ބޮޑަށް ދިމާވާ މައްސަކައަކީ ގޯހެއް ހެދުނީމަ އަލުން އެ ޕްރެޝަރ ހިފައްޓާ ނުލެވިގެން ގިނަ ގޯސްތަކެއް ތަކުރާރު ކުރެވެނީ، މިކަހަލަ ވަރުގަދަ މެޗުތަކެއް ގިނައިން ލިބުނު ވަރަކަށް ކުޅުންތެރިންގެ ތަފާތު ފެންނާނެ،" ކޯޗް ކޯރޭ ބެލްސާ ބުންޏެވެ.

ރާއްޖެ އާއި ސިންގަޕޫރު ވާދަކުރި މެޗު ބައްލަވާލަން ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.މައުސޫމްވެސް ވަނީ ވަޑައިގެންފައެވެ. އަދި މެޗަށްފަހު ކުޅުންތެރިންނާއި ބައްދަލުކުރައްވައި ޑރ.މައުސޫމް ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ.

މެޗަށްފަހު ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަވަމުން ޑރ.މައުސޫމް ވިދާޅުވީ، މީގެ ކުރިން ޤައުމީ ޓީމްގެ ކުޅުން ބަލާލަން ފުރުސަތު ލިބުނީ މީގެ އަހަރުތަކެއް ކުރިން ކަމަށާއި، ނަމަވެސް އޭރާއި މިހާރާއި އަޅާ ބަލާނަމަ ރާއްޖޭގެ ކުޅުންތެރިންގެ ކުޅުން ތަފާތުކަމަށެވެ. އަދި ސިންގަޕޫރު ފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދިނުމުން ރާއްޖޭގެ ބާސްކެޓް ކުރިއަރާފައިވާ މިންވަރު އެނގިއްޖެ ކަމަށްވެސް ޑރ.މައުސޫމް ވިދާޅުވިއެވެ. ޑރ.މައުސޫމް ވިދާޅުވީ ކުޅުންތެރިން ދެއްކި ކުޅުމާއިއެކުގައި ކުރިއަށް އޮތް ސާކް ގޭމްސްއިން ރާއްޖެއަށް ބާސްކެޓްބޯޅައިން މެޑަލްއެއް ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑުވެއްޖެކަމަށެވެ.

"ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ ކުޅުންތެރިންގެ ކުޅުން ފެނިފައި. އެއީ އަޅުގަނޑަށް މީގެ ކުރިން ގައުމީ ޓީމުގެ ކުޅުން މިގޮތަށް ބަލާލަން ލިބުނީ މީގެ އަހަރުތަކެއް ކުރިން. ސިނގަޕޫރުފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް އެދެއްކި ކުޅުން ފެނިފައި ކުރިއަށްއޮތް ސަރަހައްދީ މުބާރާތުން ރާއްޖެއަށް މެޑަލް އަކާއި ހިސާބަށް ދެވޭނެކަމުގެ އުންމީދު ވަރަށް ބޮޑުވެއްޖެ،" ޑރ.މައުސޫމް ވިދާޅުވިއެވެ.

މި ޓްރެއިނިން ކޭމްޕުގައި ސިންގަޕޫރުގެ ޤައުމީ ޓީމާއި ދެކޮޅަށް ކުޅޭ ދެވަނަ މެޗުގައި މިރޭ ނިކުންނާނެއެވެ. ކޭމްޕުގައި ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުގައި ރާއްޖެއިން ވާދަކުރީ ސިންގަޕޫރުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން ސިގްލެޕް އާއި ދެކޮޅަށެވެ. އެމެޗުން ރާއްޖެ ބަލިވީ އެންމެ ދެޕޮއިންޓުގެ ތަފާތުންނެވެ.