ދީން

ހިނިތުންވުމަކީވެސް އާދައިގެ ކަމެއްނޫން!


ހިނިތުން ވެލާށެވެ. އެހެނީ ހިނިތުންވުމަކީވެސް ނުހަނު އަގުމާތްވި ޞަދަޤާތެކެވެ.

މިކަން ބަޔާންކުރައްވައި މާތް ނަބިއްޔާ ޙަދީސް ކުރައްވަނީ "އަދި ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވުމަކީ ޞަދަގާތެކެވެ."

މި ޙަދީޘަށް ޢަމަލުކުރި ކޮންމެ މުސްލިމަކަށްމެ ހިނިތުންވެގެން ޞަދަޤާތެއް ކުރެވުނުކަމުގެ އުފާވެރިކަން އިޙުސާސް ކުރެވޭނެއެވެ. މިމަތިވެރި ޞަދަޤާތުގެ ބަރަކާތްތެރިކަން ޙާޞިލު ކުރެވޭނެއެވެ. ހިނިތުންވުމަކީ ނުހަނު ގިނަގުނަ ފައިދާތަކެއް ހުރިކަމެއްކަން މި ޒަމާނުގެ ސައިންސްވެސް ހެކިވެއެވެ. މީގެ ހަގީގަތް ދެނެގަތުމަށް ނަފްސާނީ ޢިލްމުވެރިން ވަރަށްގިނަ ދިރާސާތައްވެސް ކުރައްވާފައިވެއެވެ. އެފަދަ ބައެއް ދިރާސާތަކުން އެނގެނީ ކޮންމެ މީހެއްގެވެސް ހިނިތުންވުން އަނެކާއާ ތަފާތުކަމެވެ. އަދި މިއިން ހާމަވީ ކޮންމެ ހިނިތުންވުމެއްގައިވެސް ފޮރުވިފައިވާ އެތަކެއް ބައިވަރު ސިއްރުތަކެއްވާކަމެވެ. އެގޮތުން އިންސާނާގެ ޚިޔާލާއި ފިކުރާއި ވިސްނުން ހުރިގޮތާއި ކުރަމުންދާ އިހުސާސްތައް އޭނާގެ ހިނިތުންވުމުގައި ފޮރުވިފައިވާކަމަށް މިޒަމާނުގެ ސައިންސްވެސް ހެކިދެއެވެ.

ސައިންސުގެ ހޯދުންތަކުން އެނގުނު ގޮތުން ކޮންމެ ދެމީހެއްގެ ހިނިތުންވުން ތަފާތުވާއިރު، ހިނިތުންވުމުގެ އެތައް ބާވަތަކާއި އެތައް ވައްތަރެއް ހުރެއެވެ. ތެދުވެރި ހިނިތުންވުމާއި އެކުވެރި ހިނިތުންވުމާ ހުންނަ ފަދައިން ރުޅިވެރި ހިނިތުންވުމާއި ނުލަފާ ހިނިތުންވުންވެސް ހުރެއެވެ.

ހޯދުންތަކުން އެނގޭ ގޮތުގައި ހިނިތުންވުން އިންސާނުންގެ އުޅުމާއި ގުޅުންތަކަށް ނުހަނު އުފާވެރި ހެޔޮ ބަދަލުތަކެއް ގެނުވައިދެއެވެ. މީގެ އިތުރުން ހިނިތުންވުމުން ސިއްޙީ ގޮތުންވެސް ދުޅަހެޔޮ ކަމާއި އެތަކެއް ބައިވަރު ފައިދާތަކެއް ލިބެއެވެ.

ހިނިތުންވުމުން ސިކުނޑިއަށް ހަމަޖެހުން ގެނުވައިދީ ސިކުނޑިއަށް އަރާމުކަން އިޙުސާސް ކޮށްދެއެވެ. މީގެ ސަބަބުން މުޅި ހަށިގަނޑު އާރޯވެ ތާޒާވެގެންދެއެވެ. އަދި ހިތުގެ ހިނގުމާއި ލޭނާރުތަކުގައި ލޭހިނގުން ރަނގަޅުކޮށްދީ މީހާގެ ނަފްސުގެ ހަމަޖެހުމަށް މަގުފަހިކޮށްދެއެވެ.

ހިނިތުންވުމުން އަނެކާގެ ހިތަށް ވެސް އުފާވެރިކަމާއި ހަމަޖެހުން ގެނުވައިދެއެވެ. އެގޮތުން ހިނިތުންވެވޭ ގޮތަކުން އަނެކާގެ ފަރާތުން އެތައްބައިވަރު ބޭނުމެއް ފުދިގެން ހިނގައިދާނެއެވެ. އެތައްބައިވަރު މަޢުލޫމާތެއް ލިބިގަނެވިދާނެއެވެ. އެތައް ބައިވަރު އުފާވެރި އިޙުސާސްތަކެއް އިޙުސާސް ކުރެވިދާނެއެވެ. ލޯތްބާއި އޯގާތެރިކަމާއި ހިތްހެޔޮކަމާއިއެކު ހަދިޔާ ކޮށްލެވޭ ކޮންމެ ހިނިތުންވުމަކުން އަނެކާގެ ނުތަނަވަސްކަމާއި ކަންބޮޑުވުންތަކާއި ހާސްކަން ފިލުވާލަ ދެވިދާނެއެވެ.

ހިނިތުންވުމުން ތިމާއަށް ކުރެވުނު އިޙުސާސްތަކާމެދު އަމިއްލައަށް ފުންކޮށް ވިސްނާލިޔަސް އެއީނުހަނު އަގުމާތްވި ޞަދަޤާތެއްކަން އެނގޭނެއެވެ. ތިމާއާ މުވާމަލާތު ކުރެވުނު މީހުންގެ ތެރެއިން ހިނިތުންނުވާ މީހުންނާމެދު އަމިއްލައަށް ނިންމިގޮތް ހަނދުމަފުޅުވޭތޯ؟ އެއީ ހާދަ ފޮނި، ހާދަ ބޮޑާ، ހާދަ ގޯސް މީހެކޭ ނުވަތަ ބައެކޭ ހިތާހިތުން ނުބުނެވޭތޯ؟ މީގެ ބަދަލުގައި އުފާވެރިކަމާ ހިނިތުންވުމާއެކު ތިމާއާ މުވާމަލާތުކުރި މީހުންގެ މަތިން ހަނދާންވަނީ ކޮންގޮތަކަށްތޯ؟ އެ ހަނދާންތައް ހިތަށް ގެނައުމުން މިހާރުވެސް އުފާވެރިކަމާ ހިތްހަމަޖެހުން ނުލިބޭތޯ؟

މިކަންކަމުން އެކަނިވެސް ހިނިތުންވުމުގައިހުރި ޤުދުރަތީ ޢަޖާއިބުތަކަކީ ގުނާ ޢަދަދުވެސް ނުކުރެވޭހާ އަގުމާތްވި ޞަދަޤާތެއްކަން ބުއްދީގެ ތަރާދުން އެކަނި މިނެކިރާލިޔަސް ހާމަވެއެވެ. އެހެނީ ހިނިތުންވުމަކީ ކިތަންމެ ފައިސާގިނަ މީހަކަށްވެސް އަނެކާގެ ފުށުން ހޯދައި ނުގަނެވޭނެ އުފާވެރިކަމެކެވެ. ތިމާ ހިނިތުންވުމުން އަނެކާގެ ހަށިގަނޑަށް އެހެރަ އަންނަމުންދާ އުފާވެރި ބަދަލުތަކާއި އަނެކާގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި، ގަސްތުގައި ނޫނަސް ރައްދުގައި އެ ހީލެވޭ ހީލުމަކީ ޤުދުރަތީ ޢަޖާއިބަކަށްނޫނީ ނުވާނެއެވެ.

އެހެންކަމުން ތިމާއަށް އެއްވެސް ބުރަކަމެއްނެތި، ޖީބުން ފައިސާތަކެއް ޚަރަދުވުމެއްނެތި ނުހަނު ފަސޭހައިން ދުވާލަކު އެތައްހާސް ފަހަރު ކޮށްލެވިދާނެ މި ކުޑަކުޑަ ޞަދަޤާތުގެ ބުރަދަނާމެދު ވިސްނަވާލައްވައި ދެން ހިނިތުން ވެލާށެވެ! ތިޔަ ހީވީ ހަމަ ރަނގަޅަށެވެ. ހިނިތުންވުމަކީ ނުހަނު އަގުމާތްވި ޞަދަޤާތެކެވެ. ތިޔަ ކުރެއްވުނީ އެއިން ޞަދަޤާތެކެވެ.