ޚަބަރު

ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް މަހާޒާއި ދިޔާނާގެ ނަން ފޮނުވައިފި


ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަޤާމަށް ޢައްޔަންކުރުމަށް މަހާޒް އަލީ ޒާހިރާއި، ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި ދެބޭފުޅުންގެ ނަންފުޅު ފޮނުއްވިކަން ރައީސުލް ޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް ޢައްޔަންކުރެއްވުމަށް ފޮނުއްވި ދެބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަހާޒް އަލީ ޒާހިރަކީ ޑްރަގް ކޯޓުގެ ގާޒީއެކެވެ. ދިޔާނާ ސައީދަކީ ކުރީގެ ބަންޑާރަ ނައިބުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 2 ބޭފުޅުންނަކީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އެރުވި ދެބޭފުޅުންނެވެ.

ސްޕްރީމްކޯޓްގެ ބެންޗަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. އެގޮތުން މިހާރު އެބެންޗުގައި 7 ބޭފުޅުން ތިއްބަވާގޮތަށް ވަނީ ކަނަޑައަޅުއްވާފައެވެ. ބެންޗު އަކުލަވާލާފައިވާގޮތުން މިހާރު ތިއްބެވި 6 ބޭފުޅުންނާއެކު ދެން އައްޔަން ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާ މިއަދު މަޖިލީހަށް ހުށަހެޅުއްވި 2 ނަންފުޅުގެ ތެރެއިން ކޮންމެވެސް އެއްބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ޢަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިތުރު ދެ ބޭފުޅަކު ވަނީ އެކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރައްވައިފައެވެ. އެއީ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

ސްޕްރީމް ކޯޓްގެ ބެންޗަށް ބަދަލު ގެނެސްފައިވަނީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014ވަނަ އަހަރު ސިޔާސީ މަޤްސަދެއްގައި ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނެސް، ދެފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް ބަދަލު ކުރުމަށެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުން އަލްއުސްތާޛް ޢަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.