ޚަބަރު

މާލެ ސަރަހައްދުގައި ޢިމާރާތްކުރަނީ 1000 ދަރިވަރުންގެ ޖާގައިގެ ސްކޫލްތަކެއް - އެޑިއުކޭޝަން


ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި މާލެ ސަރަހައްދުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 10 ސްކޫލްއަކީ އެއް ހާސް ދަރިވަރުންގެ ޖާގައިގެ ސްކޫލްތަކެއްކަމަށް އެޑިއުކެޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެނިސްޓްރީން މިފަދަ ސްކޫލުތަކެއް ޢިމާރާތްކުރުމާއެކު އެމިނިސްޓްރީގެ އަމާޒަކީ މި ސްކޫލްތަކުގެ ކޮންމެ ކްލާހަކީ 25 ކުދިންނަށް ކިޔަވައިދެވޭގޮތައް ސްކޫލްތައް ތަރައްޤީ ކުރުންކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޟް ވިދާޅުވީ މި 10 ސްކޫލްގެ ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މި ސްކޫލްތައް ޢިމާރާތްކުރުމަށް އެކެއް ޕޮއިންޓު ދޭއް ފަހެއް ބިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ދުއިސައްތަ ތޭރަ ސްކޫލްގެ ތެރެއިން ސަތޭކަ ފަންސާސް ސްކޫލެއްގައި މިހާރު ކިޔަވއިދެމުންދަނީ އެއްދަންފަޅިއަށެވެ. އަދި ފަސްދޮޅަސް ތިން ސްކޫލެއް އެދަންފަޅިއަށް ބަދަލުކުރަންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މިގޮތުން މި ސްކޫލްތަކުގައި ހުރިހާ ވަޞީލަތްތަކާއެކު ވަށައިޖެހޭ ތަޢުލީމެއް ފޯރކޯށްދިނުމަށްޓަކައި ހަތަރެއް ޕޮއިންޓު ތިނެއް ހަތެއް ބިލިޔަން ރުފިޔާ، އަދި ފަންސާސް އެއް ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި އެކެއް ޕޮއިންޓު ހަތެއް ބިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ އެކި އަހަރުތަކަށް ބަހާލައިގެންނެވެ. އެހެންކަމުން 2023ވަނަ އަހަރާހަމައަށް، މިމަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށްދާނާމަ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުވެ ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

2020ވަނަ އަހަރު ފަންސާސް ދެ ސްކޫލަކާއި މާލެ ސަރަހައްދުގައި އެއަހަރު އެޅުމަށް ހަމަޖެހިފައިވާ 5 ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ދޭއް ޕޮއިންޓު ތިނެއް ބިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ. މިގޮތުން އެއަހަރު ސައްބީސް އިންސައްތަ ކުދިން ތިބޭނީ އެއްދަންފަޅިއަށް ކިޔަވާދޭ ސްކޫލްތަކުގައެވެ.

އަދި 2021ވަނަ އަހަރު ހަތްދިހަ ފަސް ސްކޫލަކަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށް އެއަހަރު މާލޭގައި އަނެއް ފަސް ސްކޫލް ޢިމާރާތްކުރުމަށް ދޭއް ޕޮއިންޓު ނުވައެއް ބިލިޔަން ރުފިޔާ ޚަރަދުވެއެވެ. މިއާއެކު ތޭވީސް އިންސައްތަ ދަރިވަރުންތިބޭނީ އެއްދަންފަޅިއަށް ކިޔަވާދޭ ސްކޫލްތަކުގައެވެ.

މީގެ އިތުރުން 2022ވަނަ އަހަރު ހަތްދިހަ ތިން ސްކޫލް އެއްދަންފަޅިއަށް ހެދުމަށްތަކައި ދޭއް ޕޮއިންޓު ފަހެއް ޚަރަދުވާއިރު އެއަހަރު ފަންސާސް އެކެއް އިންސައްތަ ދަރިވަރުން އެއްދަންފަޅިއަށް ކިޔަވާދޭ ސްކޫލްތަކުގައި ތިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރައްވައެވެ. އެޑިއުކެޝަން މިނިސްޓްރީންވަނީ އައު މަންހަޖާ ގުޅޭފަދަ ގޮތަކަށް ރާއްޖޭގައި ޢިމާރާތްކުރާ އެންމެ ފުރަތަމަ ދެ ސްކޫލް މާލެ ސަރަޙައްދުގައި ޢިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

އާމަންހަޖަށް އެންމެ އެކަށޭނެގޮތަކަށް ދެ ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ނިންމަފައިވެއެވެ. މިޕްރޮޖެކްޓްގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރާ ސްކޫލެވެ. ދަރުމަވަންތަ ސްކޫލް އަލުން ޢިމާރާތްކުރާނީ، ވިލާ ކޮލެޖު ކުރިމަތިން އޮތް ހުސް ބިމުގައެވެ.