ޚަބަރު

ތުރުކީވިލާތަށް އަމާޒުކުރެވޭ ފާޑުކިޔުންތަކަށް އުރުދުޣާން ޖަވާބުދެއްވައިފި


ސޫރިޔާގެ މައްސަލައިގައި ތުރުކީވިލާތަށް އަމާޒުކުރެވެމުންދާ ފާޑުކިޔުންތަކަށް ބޮޑުވަޒީރު ރަޖަބް ޠައްޔިބު އުރުދުޣާން ޖަވާބުދެއްވައިފިއެވެ. އުރުދުޣާން ވިދާޅުވީ ތުރުކީ ސިފައިން ސޫރިޔާގައި މިހާރު ހިންގަމުންދާ ޢަސްކަރީ ޙަރަކާތާއި ގުޅުވައިގެން އެތަކެއް ލައްކަ ޢާއްމު ރައްޔިތުން ޙާލުގައިޖެހެމުންދާކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތެއް ނޫންކަމަށެވެ.

ތުރުކީގެ ޤާނޫނުހަދާ މަހިލީހުގައި ތިއްބެވި އޭކޭ ޕާޓީގެ މެންބަރުންނާ އަންކާރާގައި ވާހަކަފުޅުދައްކަވަމުން އުރުދުޣާން ވިދާޅުވީ ޢާއްމު ރައްޔިތުންނާއިމެދު ޤަތުލުޢާންމު ހިންގާފައިވަނީ ކޮންތަންތާކުތޯ ބަލާއިރު އެފަދަ ކަންކަން ހިނގާފައިވަނީ އިދްލީބް، ޙަލަބް، ޙަސަކާ، ރައްޤާ، ދައިރުއައްޒޫރު އަދި ދާރާގައިކަމަށެވެ. މިއިން އެއްވެސް ރަށަކީ ތުރުކީ ސިފައިން ވަތް ރަށެއް ނޫންކަމަށް އުރުދުޣާންވަނީ ވިދާޅުވެފައެވެ.

މިދިޔަ އަންގާރަ ދުވަހު އދން ބުނެފައިވަނީ ސޫރިޔާގައި މީހުން ހައްޔަރުކޮށް މަރަމުންދާ މައްސަލައިގެ ޒިންމާ ތުރުކީވިލާތުން ނަގަންޖެހޭނެކަމަށެވެ. ތުރުކީއާއި ގުޅުންހުރި ހަތިޔާރުއެޅި ގުރޫޕްތަކުން ސޫރިޔާގެ ސިޔާސީ ބޭފުޅެއްކަމުގައިވާ ހަފްރީން ޚަލަފް އަވަހާރަކޮށްލާފައިވާކަމަށް އދން ވަނީ ބުނެފައެވެ. މީގެ އިތުރުން ޢާއްމު ރައްޔިތުން ދިރިއުޅޭ ތަންތަނަށް ވައިގެ ޙަމަލާތަށްދީގެން އެތަކެއް މީހުން މަރުވެ، ޒަޚަމްވެފައިވާކަމުގެ ހެކި އެބަހުރި ކަމަށާއި، ސްނައިޕަރުން މީހުންނަށް ޙަމަލާދެމުންދާކަން އެނގޭކަމަށް އދން ބުނެއެވެ. މިފަދަ އެންމެހާ ކަންކަމަކީ ހަނގުރާމައިގެ ޖަރީމާތައްކަމަށާއި އެކަންކަން ބަލާނެކަމަށްވެސް އދން ވަނީ ބުނެފައެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ސޫރިޔާގެ އުތުރުގައި ތުރުކީވިލާތުން އަސްކަރީ ޙަރަކާތް ފަށާފައިވަނީ ކުރުދީ ހަނގުރާމަވެރިން ފަހަތަށް ޖައްސައި، އެ ސަރަޙައްދު އަމާންތަނަކަށް ހެދުމުގެ ބޭނުމުގައިކަމަށްވަނީ ބުނެފައެވެ.