ޚަބަރު

ޓެކްސް ކޮމިޝަނަރުންގެ ނަންތަކަށް އާއްމުންގެ ހިޔާލު ހޯދަނީ


ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނުގެ މަޤާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވި ނަންތަކަށް އާއްމުންގެ ހިޔާލު ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވި ނަންތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައިވަނީ މިމަހުގެ 14 ވަނަދުވަހުއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވި ދެ ނަންފުޅަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލާއި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދުއެވެ.

ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމަށް އައްޔަންކުރެއްވުމަށް 6 ބޭފުޅެއްގެ ނަން މަޖިލީހަށް ރައީސް ފޮނުއްވާފައިވެއެވެ. އެ ބޭފުޅުންނަކީ
ޏ.ފުވައްމުލައް ދަޑިމަގު.ނިއުލައިޓް މުޙައްމަދު ސިރާޖް މުނީރާއި ހއ.އިހަވަންދޫ ވައިޖެހޭގެ އަސްމާ ޝަފީޢު އާއި މއ.ވިލާރޮދި އިސްމާއިލް ސާޖިދާއި ނ.މަނަދޫ އަނބުގަސްދޮށުގެއަޙްމަދު ޝަރީފާއި ވ.އެލަމް އަޙްމަދު ވާފިރާއި ހ. ރަންގަލި ހަމްދީ އަޤީލްއެވެ.

މި ބޭފުޅުންނާއި ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެއް ވާނަމަ އީމެއިލް ނުވަތަ ލިޔުމުން މިމަހުގެ 21 ވަނަދުވަހުގެ ކުރިން މަޖިލީހަށް ހުށައެޅުމަށް އެ އިދާރާއިން އެދިވަޑައިގަންނަވައެވެ.

މީރާގެ އެންމެ އިސް ދެމަގާމަށް ކުރިމަތިލާން ހުޅުވާލީ ޓެކްސްގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަރީރުގެ މަގާމު ހުސްވުމުންނެވެ.