ކުޅިވަރު

ދަ ގްރާންޑޭއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް މޮޅުވާން ދަނިކޮށް ދަ ގްރާންޑޭއަށް ލިބުނު ޕެނަލްޓީން ކާމިޔާބު ކުރި ގޯލާއެކު މި މެޗުން އެޓީމު ޕޮއިންޓެއް ހޯދައިފިއެވެ.

މެޗުން އެއްވަރުވުމުން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގްރީން ސްޓްރީޓްސްއަށް ވަނީ ގެއްލިފަ އެވެ. 10 މެޗުން ލިބުނު 17 ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް މިހާރު އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ ދިހަ މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއެކު ލީގުގައި ކުޅުނު ނުވަ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ދަ ގްރާންޑޭގެ އަހުމަދު ހަސަން ސަސްޕެންޝަނުގައި ހުރިއިރު އެޓީމުގެ ބިދޭސީ ފޯވާޑް އޮބައިދާ ކަދޫމް އަހުމަދު ކުޅެން އެރީ ބެންޗުންނެވެ. ގްރީން ސްޓްރީޓްސް ޓީމުގެ ފުރަތަމަ އެގާރައިގައި އާއްމުކޮށް ހިމެނޭ ރިހާމް އަބްދުލްގަނީ (ބޮބީ) ގެ ބަދަލުގައި މިއަދު މެދުތެރެ ބެލެހެއްޓީ ބިދޭސީ މިޑްފީލްޑަރު މުހައްމަދު ސަލާހް އެވެ.
މިއަދުގެ މެޗު ފެށިގެން ނުރައްކާތެރި ފުރަތަމަ ހަމަލާ ފޮނުވާލީ ދަ ގްރާނޑޭއިންނެވެ. އެޓީމުގެ މުހައްމަދު ރަޝީދު (ހޮކޭ) ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ބިދޭސީ ގޯލްކީޕަރު އޮލެކްސަންޑަ ޕޮސްލަވްސްކީ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަސް މިނެޓު ފަހުން ގްރީން ސްޓްރީޓްސްގެ މުހައްމަދު އުމެއިރަށް ވަނީ ބޮލުން ގޯލު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އަރިމަތިން ގާސިމް ސައްމާމް (ސައްމެ) ނަގައިދިން ބޯޅަ އޭރިޔާ ތެރޭގައި ހުރެ އުމެއިރު ބޮލުން ޖެހުމުން ގޯލާ އަމާޒެއްނުވި އެވެ. އެކަމަކު އުމެއިރު ދިން ބޯޅައެއް ހޯދައި ދަ ގްރާންޑޭގެ ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ބޯމަތިން ފޮނުވާލައިގެން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ މެޗުގެ 33 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއަށް ލީޑު ނަގައިދީފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ރެފްރީގެ ނިންމުންތަކާއި ގުޅިގެން ދެޓީމުން ވެސް ވަނީ ޝަކުވާކޮށްފަ އެވެ. އަދި، ރެފްރީއާ މުހާތަބު ކުރި ގޮތަކުން 76 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ކެޕްޓަން ހޮކޭ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައިފަ އެވެ. ހޮކޭއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ އޭގެ ދެ މިނެޓު ކުރިންނެވެ. މެޗުގެ ބާކީ ބައިގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ދަ ގްރާންޑޭއިން ވަނީ ހިތްވަރު އެލުވާނުލައި ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މެޗުގައި ދަ ގްރާންޑޭއިން ނަތީޖާ ހަމަހަމަ ކުރި ޕެނަލްޓީ ލިބުނީ ގްރީން ސްޓްރީޓްސްގެ މުހައްމަދު އާރިފް (ބަކާ)، ދަ ގްރާންޑޭގެ އެންޑިއޫ ބަބަކާއަށް އޭރިޔާ ތެރެއިން ކުރި ފައުލަކުންނެވެ. މި ޕެނަލްޓީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ފޯވާޑް ނުކުތް އޮބައިދާ އެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މެޗު އެއްވަރުވުމުން އެއް ވަނައިގައި އޮތް މާޒިޔާ އަތުލަން އުނދަގޫ ވާނެކަމަށާއި، އެކަމަކު އަދިވެސް އެޓީމުން ހިތްވަރު ކުރާނެ ކަމަށެވެ. ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން މާޒިޔާއަށް އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) މެޗަށް ފަހު ބުނީ ކޮންމެ މެޗެއްގައި ވެސް އެންމެ ފަހު ވަގުތާ ޖެހެންދެން އެޓީމުން ހިތްވަރު ކުރުމަކީ ކޯޗެއްގެ ގޮތުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އަދި، ދެ ބުރުގެ ފުރަތަމަ މެޗުން ޕޮއިންޓެއް ލިބުމަކީ ޕޮޒިޓިވް ކަމެއް ކަމަށް އިންމަ ބުންޏެވެ.