ޚަބަރު

ޤައުމީ ޔުނިވަރސިޓީގެ ހިންގުމަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ - ހަޔރ އެޑިއުކޭޝަން މިނިސްޓަރ


ޤައުމީ ޔުނިވަރސިޓީ ހިންގުމުގެ ފަންނީ ކަންކަމަށް އެއްވެސް ހާލެއްގައި ސަރުކާރުން ނުފޫޒެއް ނުފޯރުވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އަލަށް އައްޔަންކުރި ކައުންސިލާ މިނިސްޓަރ ބައްދަލު ކުރައްވައި ވިދާޅުވީ އެމިނިސްޓްރީން މަސައްކަތް ކުރާނީ ރެގިއުލޭޓަރީ ބޮޑީއެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް މީހުން ބިނާ ކުރުމުގެ މަސައްކަތުގައި ވަކި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާކަމަށް ފެނިއްޖެނަމަ އެކަމަށް އެދޭނެކަމަށާއި އެފަދަ ޙާލަތްތަކުގައިވެސް ޔުނިވަރސިޓީން ޢަމަލުކުރާނެ އުޞޫލްތައް ނިންމުމުގެ ބާރު ޔުނިވަރސިޓީއަށް ލިބޭނެކަމަށެވެ.

މިނިސްޓަރ ވަނީ ކޯސްތައް ހިންގުމުގައި ކޮލިޓީއަށް އިސްކަންދިނުމަށާއި ކޯސްތަކުގެ ކޮލިޓީއަށް ނޭދެވޭ އަސަރެއް ކޮށްފާނެ އެއްވެސްކަމެއް ނުކުރުމަށް ގޮވާލައްވާފައެވެ. އަދި ވަކި ދާއިރާއަކުން ދަސްވެނިވެގެން ވަޒީފާ އަދާކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާއަކުން ހުއްދަ ހޯދަން ޖެހޭ ދާއިރާއަކުން ކޯސް ފަރުމާކުރާނަމަ އަދި އެ ކޯސް ފަށަންޖެހޭނީވެސް ހުއްދަ ހޯދަންޖެހޭ މުއައްސަސާއަކުން ހުއްދަ ހޯދުމަށްފަހުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މުޖުތަމަޢު ބައިބައިވެ ފިތުނަ އުފެދިދާނެ ހުރިހާ ކަމަކުން ޔުނިވަރސިޓީގެ ސްޓާފުންނާއި ދަރިވަރުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާފައެވެ. އެމް.އެން.ޔޫއަށް އަލަށް އެކުލަވާލި ކައުންސިލްގައި 17 މެމްބަރުން ތިބެއެވެ.