ވިޔަފާރި

އިންޓަނެޓް ފޯރުކޮށްދޭންޖެހޭ އެންމެ ދަށް ސްޕީޑަކީ 30 އެމް.ބީ.ޕީ.އެސްއަށް ހަދަނީ


ދިވެހިރާއްޖޭގައި އިންޓަނެޓް ފޯރުކޮށްދޭ އެންމެ ދަށް ސްޕީޑަކީ 30 އެމްބީޕީއެސްއަށް ހައްދަވާނެކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުންގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އަފްޟަލް ވިދާޅުވީ ރާއްޖޭގެ ބްރޯޑްބޭންޑް ޕޮލިސީ ހެދުމުގެ މަސައްކަތް ކުރަނީ އީޔޫއާއި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރަމުންދާ ފެންވަރުގައިކަމަށެވެ. އީޔޫގައި އިންޓަނެޓްގެ ސްޕީޑް އެންމެ ދަށް ސްޕީޑްގެ ގޮތުގައި ބަލަނީ 30 އެމްބީޕީއެސްކަމަށް އަފްޟަން ވިދާޅުވިއެވެ.

"އީޔޫއިން އެންމެ ދަށް އިންޓަރނެޓް ސްޕީޑްގެ ގޮތުގައި ބަލަނީ 30 އެމްބީޕީއެސް. އެވަރަށް ނުވަަތަ އެއާއި ގާތްކުރާ އަދަދަަކަށް ރާއްޖޭގެ އިންޓަނެޓްގެ ސްޕީޑް ގެންދެވޭނެ މަސައްކަތްތައް ނިމޭއިރު." އަފްޟަން ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލު ވިދާޅުވީ ބްރޯޑްބޭންޑް ޕޮލިސީތަކާއިއެކު ދާއިރާއަށް ބޮޑެތި ބަދަލުތައް އަންނާނެކަމަށެވެ. މިނިސްޓަރ ވަނީ މިއީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ލިބެންޖެހޭ ޚިދުމަތެއްކަމަށް ވިދާޅުވެފައެވެ.

"އާއްމުންގެ ކަންބޮޑުވުމެއް މަސް ހުސްވާއިރު ހުންނަ ޑޭޓަރ އަނެއް މަހަށް ޓްރާންސްފަރ ނުވުމަކީ. އެކަން ޙައްލުކުރައްވާނަން. އަދި މިނިމަމް އިންޓަރނެޓް ސްޕީޑް ކަނޑައެޅުމާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށްދޭނަން." މިނިސްޓަރ ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަށްވެސް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖޫން 19 ގައި މިކަމާ ގުޅުންހުރި މަސައްކަތްތައް ނިންމާ ރައީސް އޮފީހާއި ޙިއްސާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.