ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދުއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދުއަށް ވަޑައިގެންފިއެވެ.

ދ. އަތޮޅުގެ ދެރަށަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ކުޑަހުވަދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ އެރަށުގައި ހުންނަ ދ.އަތޮޅު އަތޮޅު ހޮސްޕިޓަލަށް ފަންސާސް އަހަރުފުރުން ފާހަގަކުރުމަށް މިރޭ ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށެވެ.

ރައީސް ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގެން ކުޑަހުވަދުއަށް ފުރަތަމަފަހަރަށް ވަޑައިގެންނެވުމުން މިއަދު އެރަށުގެ ކުދިބޮޑު ގިނަ ޢަދަދެއްގެ ބަޔަކުވަނީ އެމަނިކުފާނާ ސަލާމްކުރައްވަން ބަނދަރުސަރަޙައްދަށް އެއްވެ މަރުޙަބާ ދަންނަވާފައެވެ. އެގޮތުން ބަދަރުން ފެށިގެން ރަށުގެ ސްކޫލް ހިމެނޭ ސަރަހައްދާ ހަމައަށް އެމަނިކުފާނަށް މަރުހަބާ ދަންނަވަން ސަފު ހަދާފައިއޮތެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ކުޑަހުވަދޫ ކައުންސިލާ، އެރަށުގެ އެކިއެކި މުއްސަސާތަކާވެސް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާއި، އެރަށުގެ އިދާރާތަކަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ.
ދ.އަތޮޅު ހޮސްޕިޓަލުގެ 50ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު މިރޭ ބާއްވާއިރު، ރައީސްގެ މިދަތުރުފުޅުގެ ތެރެއިން އެ ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ޚިދުމަތްވެސް އިފްތިތަޙްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

1969ވަނަ އަހަރުގެ ޖުލައިމަހުގެ 21ވަނަ ދުވަހު ޚިދުމަތްދޭންފެށި، ދ.އަތޮޅު ހޮސްޕިޓަލުން ވަނީ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.