ޚަބަރު

ތިލަފުށީގައި ކެމިކަލް ރައްކާކުރަން ހަދާ ގުދަންދަތުކުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ފަށައިފި


ކެމިކަލް ރައްކާކުރަން ތިލަފުށިން ދޫކުރަން ހަމަޖެހިފައިވާ ގުދަންތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ފަށާފައިވާކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ވިދާޅުވެއްޖެއެވެ. ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ވިދާޅުވީ ކެމިކަލް ރައްކާކުރަން ހަމަޖެހިފައިވާ ގުދަންތަކުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު ނިންމާ ހަވާލުކުރަންފަށާނެކަމަށެވެ.

ކެމިކަލް ރައްކާކުރުމަށާއި، އެހެނިހެން މުދާ ރައްކާކުރުމަށް ތިލަފުށިން ގުދަން ޕްލޮޓް ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް ގުދަން ބޭނުންވެގެން 57 ފަރާތަކުން ރެޖިސްޓަރކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މީގެ ތެރެއިން އެންމެ ފުރަތަމަ އިސްކަންދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުރި މިފަދަ ގުދަންތަކުގެ ތެރއިން މިހާރަށް ބަދަލުކުރަން ޖެހިފައިވާ ތަންތަނަށެވެ. މިގޮތުން ފުރަތަމަ 32 ޔުނިޓް މި ގުދަންތަކަށް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އެކުންފުނިންވަނީ ގުދަން ކުރުމަށް 200އެއްހައި ޕްލޮޓް ދޫކުރުމަށް ނިންމާފައެވެ. ގުދަން ބޭނުންވާ ފަރަތްތަކަށް ވަކި މުއްދަތެއް ނެތި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިދިޔަމަހުގެ 20ވަނަ ދުވަހު މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ކެމިކަލް ރައްކާކުރާ ގުދަނެއްގައި ހުރި ތަކެތީގައި ރޯވެގެންނެވެ. މި ޙާދިސާއަށްފަހު ސަރުކާރުންވަނީ މިފަދަ ގުދަންތައް ޢާއްމު ރައްޔިތުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން އެމްއެންޑީއެފުން މިހާތަނަށް ބެލި ބެލުމުން މާލޭގައި މިފަދަ 126 ގުދަނެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ. އަދި މީގެތެރެއިން 83 ގުދަން ހުރީ އާމުން ދިރިއުޅޭ ސަރަޙައްދުތަކުގައެވެ.

ކެމިކަލް ގުދަންތަން ޢާއްމުން ދިރިއުޅޭ ގެތަކާއި ދުރަށް ގެންދިއުމަށް، އިންޑަސްޓްރިއަލް މަސައްކަތްކުރާ ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ވަނީ ފަށްޓަވާފައެވެ.

ސަރުކާރުންވަނީ ކެމިކަލް ގުދަން ކުރާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކެއްވެސް ކަނޑައަޅާފައެވެ. ތިލަފުށީގައި އަލަށް ހަދާ މި ގުދަންތައް ހަދަނީ މި މިންގަނޑަށް ފެތޭ ގޮތަށެވެ. އެގޮތުން މި ތަންތާންގައި ރައްކާތެރިކަން ކަށަވަރުކުރުމާއި، އަލިފާން ނިއްވާ ނިޒާމުވެސް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.