ޚަބަރު

ކެމިކަލް އެތެރެކުރުމުގެ ހުއްދަ އަލުންދީފި


ނުރައްކާތެރި ކެމިކަލް އެތެރެކުރުން މަނާކޮށްފައި އޮތުމަށްފަހު އަލުން ހުއްދަ އަލުން ދީފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާއާއި ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލިކަމަށެވެ.

އަދި މިކަން ކޮށްފައިވަނީ ސަރުކާރުން މިކަމަށް ޚާއްސަކޮށްގެން ޤަވާއިދެއް އެކުލަވާލައި ޝާއިއު ކުރެވިފައި އޮތުމުންކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމު ހަމަޖައްސައި މާލެ ފިޔަވައި އެހެން ރަށްރަށުގައި ގުދަންކުރަން ކެމިކަލް އެތެރެކުރާނަމަ މިއަދުން ފެށިގެން ހުއްދަ ދޫކުރަމުން ގެންދާނެކަމަށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

މިޤަވާޢިދު ތަންފީޒުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކޮށް، ލޭބަލްކޮށް، އެއްތަނުން އަނެއްތަނަށް އުފުލައި، ގުދަންކޮށް، ބޭނުންކޮށް، ވިއްކައި، ނައްތައިލަންވާނީ މި ޤަވާއިދުގައިވާގޮތަށެވެ. ޑިފެންސް މިނިސްޓްރީން އަލަށް އެކުލަވާލި މި ޤަވާއިދުގައި ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަދިނުމުގައި އަމަލުކުރާނެ އުޞޫލުތަކާއި، ހުއްދަ ނުހޯދާ އެތެރެކުރާ ނުރައްކާތެރި ކެމިކަލްތަކާމެދު ޢަމަލުކުރާނެ އުޞޫލުތަކާއި، ނުރައްކާތެރި ކެމިކަލް ވިއްކުމުގެ ހުއްދަދިނުމާއި، އެފަދަ ކެމިކަލްތައް ލޭބަލްކުރުމާއި، ކެމިކަލް ގުދަންތައް ރަޖިސްޓްރީކޮށް، ކެމިކަލްތަކުގެ ރެކޯޑް ބެލެހެއްޓުމުގައި އަމަލުކުރާނެ އުޞޫލުތައްވެސް ބަޔާންކޮށްފައިވެއެވެ.

މީހުން ދިރިއުޅޭ ޢިމާރާތްތަކުގައި ކެމިކަލް ގުދަންކުރުމަކީ މަނާކަމެއްގެގޮތުގައި ކަނޑައަޅައި "ނުރައްކާތެރި ކެމިކަލާބެހޭ ޤަވާއިދު" އެކުލަވާލައި ޢަމަލުކުރަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.