ވިޔަފާރި

އާދީއްތަ ދުވަހުން ފެށިގެން ކޮންޓްރޯލެއްނެތި ފިޔާ ލިބޭނެ


އާދީއްތަ ދުވަހުން ފެށިގެން ކޮންޓްރޯލްކުރުމެތި ފިޔާ ވިއްކަން ފަށާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ މިޑިއާ ކޯޑިނޭޓަރ އަބްދުﷲ މުހައްމަދު ވިދާޅުވީ އަންނަ ހުކުރު ދުވަހު ފިޔާގެ ޝިޕްމަންޓެއް ރާއްޖެއަށް ގެންނާނެކަމަށެވެ. އަދި އާދީއްތަ ދުވަހުން ފެށިގެން ކޮންޓްރޯލެއް ނެތި ފިޔާ ވިއްކަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯއިން މިހާރު ފިޔާ ވިއްކަމުންދަނީ ކޮންމެ ކަސްޓަމަރަކަށް 1 ކިލޯގެ މަގުން 30 ރުފިޔާއަށް ކިލޯއެކެވެ. މިއީ މިދިޔަ ހަފްތާގައި އެސްޓީއޯއިން ވައިގެ މަގުން ގެނައި ފިޔާ ޝިޕްމަންޓެކެވެ.

އިންޑިއާއިން ފިޔާ ބޭރުކުރުން ހުއްޓާލާފައިވަނީ އެޤައުމަށް ކުރި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން، ފިޔާ ނުލިބެން ފެށުމުންނެވެ. އަދި މި މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ފިޔާ ބޭރުކުރުން މަޑުޖައްސާލާފައިވީނަމަވެސް، މި ފިޔަވަޅުގެ ދަށުން ރާއްޖެއަށް ފިޔާ އެކްސްޕޯޓުކުރުން އެއްވެސް އިރެއްގައި ހުއްޓާލައިފައި ނުވާކަމަށް އިންޑިއާއިން ބުނެއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ރާއްޖެއަށް ފިޔާ ލިބޭނެގޮތް ހަމަޖައްސާފައިވާކަމަށްވެސް އިންޑިޔާ އެމްބަސީން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން އާދީއްތަ ދުވަހު ފިޔާ ވިއްކަން ފެށުމާއެކު މިމައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.