ވިޔަފާރި

ރާއްޖެއަށް އިންވެސްޓްމަންޓްތައް ހޯދުމަށް ކެރެލާގެ ވިޔަފާރިވެރިންނާއެކު މަޝްވަރާކޮށްފި


ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން ވަރުގަދަކޮށް، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓް ހޯދުމަށް އިންޑިއާގެ ކެރެލާ ސްޓޭޓްގެ ވިޔަފާރިވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް އިކޮނޮމިކް މިނިސްޓްރީން ބާއްވައިފިއެވެ.

ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނާއި ކެރެލާގެ ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވެ ވިޔަފާރީގެ ފުރުސަތުތައް ހޯދުމުގެ މަޤްސަދުގައި ކެރެލާ ސަރަޙައްދީ ސަރުކާރާއި އިކޮނޮމިކް މިނިސްޓްރީ އަދި އިންޑިއަން ޗެމްބާސް އޮފް ކޮމާސް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ މި ދަނޑިވަޅަކީ އިންޑިއާ އަދި ރާއްޖޭގެ ދޭދޭ ގުޅުން ހަރުދަނާވެ ކުރިއަރަމުން އަންނަ ދުވަސްކޮޅަކަށްވުމާއެކު، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމަކީ ވެސް ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާއާއި އަޅާބަލާއިރު ނިސްބަތުން ކުޑަ ޤައުމަކަށް ވީނަމަވެސް ސަރުކާރުގެ އަމާޒަކީ ވިޔަފާރީގެ ދާއިރާގައި ރާއްޖެ ބަރޯސާވާ ސިނާޢަތްތައް އިތުރުކޮށް ވިޔަފާރީގެ ދާއިރާގައި ދެޤައުމުގެ ދޭތެރޭ ވާދަވެރި ރޫޙެއް އުފެއްދުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގައި ކެރެލާ ވިޔަފާރިވެރިންނަށް ހުރި ފުރުސަތުގެ އިތުރުން ކެރެލާގައި ދިވެހި ވިޔަފާރިތައް ބިނާކުރުމަށްވެސް ފުރުސަތު ލިބިގެންދާނެކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް ވިދާޅުވީ މިފަދަ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ދެ ޤައުމުގެ ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވެ، ދެ ޤައުމަށް ވެސް ވިޔަފާރީގެ ފުރުސަތުތައް ހޯދުމެވެ. އޭނާ ވިދާޅުވީ މިހާރު ކުރިއަށްދާ އިންޑިއަން އެކްސްޕޯގެ ދަށުން އެންމެ އިސްކަމެއް ދެވޭނީ ރާއްޖެއާއި އެންމެ ކައިރިން ވިޔަފާރީގެ ގުޅުން ބިނާކުރުމަށް ކަމަށެވެ. އެގޮތުން މި ފުރުސަތްތަކުގައި ކެރެލާގެ ވިޔަފާރިތަކަށް އިސްކަން ދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކެރެލާގެ އެފް އެންޑް ބީ ކުންފުނިތަކާއި، ކޮންސްޓްރަކްޝަން ކުންފުނިތަކާއި، މަލްޓި ޕާޕަސް ކޮމްޕެނީސް ހިމެނޭހެން 15 ކުންފުނިން ބައިވެރިވިއެވެ. އަދި ރާއްޖެއިން ވެސް އެކި ދާއިރާގައި ހަރަކާތްތެރިވާ ގާތްގަނޑަކަށް 15 ކުންފުންޏަކުން ބައިވެރިވިއެވެ. މީގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ވިޔަފާރި ޖަމިއްޔާތަކާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ހިމެނެއެވެ.