ޚަބަރު

އެންމެ ކުޑައުޖޫރައާއިއެކު ދިވެހިންނަށް ވަަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ - ޝިފާޢު


އެންމެ ކުޑައުޖޫރައާއެކު ދިވެހިންނަށް ވަަޒީފާގެ ފުރުޞަތު އިތުރުވެގެންދާނެކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

އެންމެ ކުޑައުޖޫރަ "މިނިމަމްވޭޖް" ކަނޑައެޅުމަށްޓަކައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަޙްމަދު ހުށަހަޅުއްވާފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާޢު ވިދާޅުވީ ވަޒީފާ އަދާކުރާ ފަރާތްތައް ކުރާ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެއްކަމަށެވެ. ރާއްޖޭގައި މަސައްކަތަށް ނިކުންނަ ފަރާތްތައް މަދުވެ މަސައްކަތަށް ފަރުވާކުޑަކުރަނީވެސް ކުރާ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް ނުލިބޭތީކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަޔަކީ ބިދޭސީންގެ މައްސަލަކަށްވާއިރު، މިކަން ހައްލުކުރެވޭނީވެސް މުސާރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ މިންވަރެއް ކަނޑައެޅިގެން ކަމަށް ޝިފާއު ވިދާޅުވިއެވެ.

މި ޤަރާރަށް ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިން ރަޝީދު ވިދާޅުވީ އެންމެ ކުޑައުޖޫރައެއް ކަނޑައަޅާއިރު ކުރަންޖެހޭ އެންމެ މުހިންމުކަމަކީ ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސާފް އަދަދު ދެނެގަތުންކަމަށެވެ. މަސައްކަތްތެރިންނަކީ ކޮބައިކަން ދެނެނުގަނެވި މިނިމަމްވޭޖެއް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބިދޭސީންގެ ފަރާތުން ކުރިމަތިވާ މައްސަލަތަކާއި، ހިއުމަން ޓްރެފިކިންގެ މައްސަލަތަކަކީ މިކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެއް ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިނިމަމްވޭޖް ކަނޑައެޅުމުގެ ކުރިން ވަޒީފާގެ ދަފްތަރާއި، ރާއްޖޭގައި މަސައްކަތް ކުރާ މަސައްކަތްތެރީންގެ ދަފްތަރެއް އެކުލަވާލަންޖެހޭކަމަށެވެ.

މި ޤަރާރަށް ވާހަކަ ދެއްކެވި މެމްބަރުންވަނީ ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ދެވޭ އެންމެ ކުޑައުޖޫރައެއް ކަނޑައެޅުމަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. މިއަދުވެސް ރާއްޖޭގައި 2000 ރުފިޔާއާއި، 4000 ރުފިޔާގެ މުސާރާގައިވެސް މަސައްކަތް ކުރާ ފަރާތްތައް މަދުނޫންކަމަށާއި، މިއީ ބަލައިގަނެވޭނެ އަދަދެއް ނޫންކަމަށްވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.

އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އަންނަ އަހަރު އެންމެ ކުޑައުޖޫރަ ކަނޑައެޅިގެންދާނެކަމަށް އިކޮނޮމިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ސަރވޭއެއް މިމަހުގެ ތެރޭގައި އެ މިނިސްޓްރީން ދަނީ ކުރިއަށް ގެންދަމުންނެވެ.