ޚަބަރު

އެމްއެމްޕީއާރުސީގެ ޙިޔާނާތް ފަޅާއަރުވާލި ގާސިމްއަށް އިސްލާމިކް ފައިނޭންސްގެ ޗެއާމަންކަން


އެމްއެމްޕީއާރުސީގެ ބޮޑު ޙިޔާނާތް ފަޅާއަރުވާލި ޤާސިމް އަބްދުލް ކަރީމް މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑްގެ ޗެއާމަންގެ މަޤާމަށް އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑްގެ ފަރާތުން މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑްގެ ޗެއާމަނަކަށް ޤާސިމް އައްޔަން ކުރައްވާފައިވަނީ މިއަދުއެވެ.

ޤާސިމްއަކީ ސަރުކާރުގެ ތެރެއިން މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނަތާ ގުޅޭ މަޢުލޫމާތު ފުރަތަމަ ފަހަރަށް ފަޅާ އަރުވާލި ފަރާތެވެ. އެގޮތުން އޭނާ ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް އެ ފައިސާ ދައުރުކުރި ގޮތުގެ ތަފްސީލް އާއްމުކޮށްފައެެވެ. އެމައްސަލައިގައި އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާޢްމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، 8 މަހާއި 12 ދުވަހަށް ޖަލަށްވެސް ލާފައެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް ޗެއަރމަންގެ މަޤާމަށް ޤާސިމް އައްޔަންކޮށްފައިވާއިރު އިތުރު 2 ކުންފުންޏަކަށްވެސް ވަނީ ޑިރެކްޓަރުން އައްޔަންކޮށްފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރަކަށް މަރިޔަމް ރަޝީދު އައްޔަން ކޮށްފައިވާއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރަކަށް ޖާދުﷲ ނާޒިމް ވަނީ މިއަދު އައްޔަން ކުރައްވާފައެވެ.