ޚަބަރު

މަޤާމުގެ ބޭނުން ނާޖައިޒް ގޮތުގައި ބޭނުންކުރާތީ މޯލްޑިވް ގޭސްގެ އެމްޑީ ސަސްޕެންޑްކޮށްފި


މަޤާމުގެ ބޭނުން ނާޖައިޒް ގޮތުގައި ބޭނުންކުރަމުންދާ މައްސަލާގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު، ޝަޒައިލް ސިޔާމް ސަސްޕެންޑްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ސަސްޕެންޑް ކޮށްފައިވަނީ ސަރުކާރުގެ "ޒީރޯ ޓޮލިރެންސް ޓުދަ ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން ރައީސް އޮފީހުން ޤާއިމްކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ އޮންލައިން ޕޯޓަލްއަށް ހުށަހެޅެމުންދާ މައްސަލަތަކާއި ގުޅިގެންކަމަށެވެ.

އޭނާއާއި ގުޅޭގޮތުން މަޤާމުގެ މަސްއޫލިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތަކާއި، މިނޫންވެސް ގިނަ ޝަކުވާތަކެއް އޮންލައިން ޕޯޓަލްއަށް ހުށަހެޅިފައިވާކަމަށް ހޫދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ބަލާ ނިމެންދެން ޝަޒައިލް ސަސްޕެންޑް ކުރެވިފައިވާކަމަށެވެ.

ޝަޒައިލް ސަސްޕެންޑް ކޮށްފައިވާއިރު މޯލްޑިވް ގޭސްއިން މާ އަގުބޮޑުކޮށް ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަކަމަށް ބުނާ މައްސަލައަކާއި އެނޫންވެސް މައްސަލަތަކެއް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދަނީ ބަލަމުންނެވެ.

ޝަޒައިލް ޝިޔާމް ވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމްވެސް އަދާކުރައްވާފައެވެ.