ވިޔަފާރި

ޗައިނާގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އައުން ގާތް- އާސިފް


ސާކުގެ ޤައުމުތަކުގެ ތެރެއިން ޗައިނާއިން އެންމެ ކުޑަކޮށް އިންވެސްޓްކޮށްފައިވާ ޤައުމަކީ ދިވެހިރާއްޖެކަމަށާއި އެހެންކަމުން ޗައިނާގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އައުމުގެ ފުރުސަތު ބޮޑުކަމަށް ސާކު ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ރައީސް އަދި ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްއިއްޔާގެ ނާއިބް ރައީސް އިސްމާއީލް އާސިފް ވިދާޅުވެއްޖެއެވެ.ދެކުނު އޭޝިޔާގެ ޤައުމުތަކުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާބެހޭގޮތުން މަޝްވަރާކުރުމަށް ޗައިނާގެ ސިޗްއާން ޕްރޮވިންސްގެ ޗެންގްދޫގައި ބޭއްވި 6 ވަނަ ސައުތު އޭޝިޔާ ސިޗްއާން ބިޒްނަސް ޕްރޮމޯޝަންގެ ރައުންޑް ޓޭބަލް ކޮންފަރެންސައްފަހު ފަބްލިކް ސާވިސް މީޑިޔާއަށް މައުލޫމާތުދެއްވަމުން ސާކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ރައީސް އަދި ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނައިބްރައީސް އިސްމާއީލް އާސިފް ވިދާޅުވީ، މި ފޯރަމްގެ ބޭނުމަކީ އެގައުމަކަށް ބޭނުންވާ އިންވެސްޓްމަންޓްތައް އެހެން ޤައުމަކުން ހޯދުންކަމަށެވެ.މިގޮތުން ދިވެހިރާއްޖޭގައި އިންވެސްޓްކުރެވިދާނެ ދާއިރާތަކާއި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް މި ސެމިނާގައި ހިއްސާކޮށްފައިވާކަމަށް އާސިފް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި އެފަދަ ފަރާތްތަކަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްއިއްޔާއިން ފޯރުކޮށްދެވޭނެ އެހީތެރިކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.އާސިފް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން  ޗައިނާއިން ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާކަމަށާއި، އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.ދެދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މި ސެމިނާގައި ޗައިނާގެ ވިޔަފާރިވެރިންނާއި ސާކުގެ ޤައުމުތަކުގެ ބައެއް މިނިސްޓަރުންނާއި ޕާލިމެންޓް މެމްބަރުން ބައިވެރިވެފައިވެއެވެ. އަދި ކޮންމެ ޤައުމަކުންވެސްވަނީ އެ ޤައުމެއްގައި އިންވެސްޓްކުރެވިދާނެ ދާއިރާތަކާއި އެގައުމުތަކުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު މި ކޮންފަރެންސްގައި ހިއްސާކޮށްފައެވެ.މި ކޮންފަރެންސްގައި ސާކް ޗެމްބަރުގެ ރައީސްގެ ހައިސިއްޔަތުން އިސްމާއީލް އާސިފްވަނީ ދާދި ފަހުން ނޭޕާލަށް ކުރިމަތިވި ބިންހެލުމާއި ގުޅިގެން ދުނިޔެ ދޫކުރިފަރާތްތަކާއި މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ހަނދާނުގައި އެއްމިނެޓްގެ ސްކޫތެއް ގެންނަވާފައެވެ.