ވިޔަފާރި

އިންޑިއާއާއި ރާއްޖޭގެ ވިޔަފާރިވެރިން ބައްދަލުކޮށް، މުހިއްމު މަޝްވަރާތަކެއް ބަދަލުކޮށްފި


ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ދެޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ޕެނަލް ޑިސްކަޝަނެއް ކުރިއަށްގެންގޮސްފިއެވެ.

ރާއްޖޭގައި ބާއްވާ "އިންޑިއަން ބިޒްނަސް އެކްސްޕޯ" އާއި ގުޅިގެން ދަރުބާރުގޭގައި ކުރިއަށްގެންދިޔަ މި ޕެނަލް ޑިސްކަޝަންއަކީ ދެޤައުމުގެ އިޤްތިސާދީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްއާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބޭފުޅުންގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ބައިވެރިވެފައިވެއެވެ.

މި ޕެނަލް ޑިސްކަޝަން ކުރިއަށްގެންދިޔައީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ޕެނަލް ކުރިޔަށްދިޔައީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދެޤައުމުން ކުރެވޭނެ ކަންތައްތަކާއި ގުޅިގެންނެވެ. މި ޕެނަލްގައި އިންޑިއާގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ބައިވެރިވިއެވެ.

މި ބޭފުޅުން ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ތަފާތު މާކެޓިންގ އުކުޅުތައް ބޭނުންކުރުމުގެ މުހިއްމުކަން ފާހަގަކޮށްފައެވެ. ވަކިން ޚާއްސަކޮށް ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ޓޫރިޒަމްގެ ތަފާތު ވައްތަރުތައް ތަޢާރަފްކުރަންޖެހޭކަމަށް ގިނަ ބޭފުޅުން ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖެއަކީ މެޑިކަލް ޓުއަރިޒަމް ތަޢާރަފްކުރަން ރަނގަޅު މަންޒިލެއްކަމަށާއި މިއީ އިތުރު ފަތުރުވެރިން ރާއްޖެއަށް އައުމަށް މަގުފަހިވާނެކަމެއްކަމަށް މިބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ޕެނަލްގެ އިތުރުން އިޤްތިސާދީ ދާއިރާއަށް ޚާއްސަކޮށްގެން ވެސް ޕެނަލްއެއް ކުރިއަށްގެންގޮސްފައިވެއެވެ. މި ޕެނަލްގައި އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވަނީ ބައިވެރިވެފައެވެ. މި ޕެނަލްގައި މައިގަނޑުގޮތެއްގައި ވާހަކަދެކެވިގެން ދިޔައީ ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށް ބޭންކްތަކާއި ސަރުކާރުގެ ދައުރާއި އަދި އިންޑިއާ އަދި ރާއްޖެ ގުޅިގެން ކުރެވޭނެ ކަންތައްތަކާއި ގުޅިގެންނެވެ.

އިންޑިއާއާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ދެމެދު ކުރިޔަށް ގެންދިޔަ މި ޕެނަލްއަކީ މިމަހުގެ 15 އިން 17 އަށް އެސް.އީ.އެފް.އެމް އިން ކުރިޔަށްގެންދާ އިންޑިއަން އެކްސްޕޯގެ ދަށުން ކުރިޔަށްގެންދިޔަ ބައްދަލުވުމެކެވެ. އެސް.އީ.އެފް.އެމް އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.