ޚަބަރު

ފޮރިން މިނިސްޓަރ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ވަޑައިގެންފި


މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ވަޑައިގެންފިއެވެ.

އޮކްޓޯބަރު މަހުގެ 15 އިން 17 އަށް މިނިސްޓަރ ޝާހިދު ތައިލެންޑަށް ކުރައްވާ މިދަތުރުފުޅަކީ ތައިލެންޑްގެ ފޮރިން މިނިސްޓަރ ޑޮން ޕްރަމުދްވިނާއީގެ ދައުވަތަކަށް އެޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 40 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް މިނިސްޓަރ ޝާހިދު ތައިލެންޑަށް ކުރައްވާ މިދަތުރުފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ތައިލެންޑްގެ ފޮރިން މިނިސްޓަރާއިއެކު މަޝްވަރާކުރައްވާނެއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވާނެއެވެ. ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭތައް ލިބިގެންދާނެއެވެ. އަދި ދިވެހިރާއްޖޭގެ އެކި އުފެއްދުންތައް ތައިލެންޑްގެ ބާޒާރަށް ނެރެ މާކެޓްކުރުމާއި، ދެޤައުމުގެ ވިޔަފާރިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ތައިލެންޑަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ.

އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ތައިލެންޑް ސަރުކާރަށް އަރުވާނެއެވެ.