ޚަބަރު

ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތް: ގޭގައި ހުރި ކެމެރާއިން ނެގި ފިންގަޕްރިންޓާ ހައިޝަމާއި ދިމާވޭ


ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދު ދިރިއުޅުނުގޭގެ ލިފްޓް ކައިރީގައިހުރި ކެމެރާގެ ބޭރުން ފެނުން ފިންގަރޕްރިންޓާއި ޔާމީން މަރާލި ކަމަށް ތުހްމަތު ކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ އިސްމާޢީލް ރަޝީދުގެ ފިންގަރ ޕްރިންޓާ ދިމާވާކަމަށް ބުނެ ފުލުހަކު ހެކިބަސްދީފިއެވެ.

ޔާމީން ރަޝީދުގެ މަރާ ގުޅިގެން ހަމީހެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދިން ފުލުސް މީހާ ބުނީ ހައިޝަމް ރަޝީދުގެ އިނގިލީގެ ނިޝާނާ ދިމާވަނީ ޔާމީން މަރާލި ރެއާއި ޖެހިގެން އައިދުވަހުގެ ހެނދުނު އެގެއިން ނަގާފައިވާ ފިންގަރޕްރިންޓާކަމަށެވެ. އެގޮތުން ހައިޝަމް ރަޝީދުގެ ޝަހާދަތް އިނގިލީގެ ފިންގަރޕްރިންޓާ އެގޭގައި ހަރުކޮށްފައި ހުރި ކެމެރާގެ ބޭރުން ނެގި ފިންގަރޕްރިންޓާ އެއްގޮތްކަމަށެވެ.

މި ޝަރީއަތުގެ އަޑުއެހުމުގައިވެސް ވަކީލުންވަނީ ހެކިންނަށް ބިރުދައްކާ ނުފޫޒު ފޯރުވާ ކަމަށް ދައުލަތުން ދައްކާ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިއެވެ. އެގޮތުން އިސްމާއިލް ރަޝީދުގެ ދިފާއީ ވަކީލު މައުމޫނު ހަމީދު ވަނީ ފުލުހުން އެމައްސަލަ ބަލާކަމަށްވާނަމަ އޭގެ ތަފްސީލު ދައުލަތުގެ ވަކީލުން ސާފުކޮށްދޭން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ މުވައްކިލް އިސްމާއިލް ރަޝީދުގެ ފަރާތުން އެފަދަކަމެއް ހިނގިކަމަށް ތުހްމަތެއް ކުރެވިގެން އެމައްސަލަ ތަހުގީގު ކުރާނަމަ އެކަން ސާފުވާން ޖެހޭ ކަމަށްވެސް މައުމޫން ވިދާޅުވެފައިވެއެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ ހަމަ އެކަނި އެނގޭ މިންވަރަކީ މި މައްސަލައިގައި ސިއްރު ހެކިންނަށް ބިރުދައްކާ އިންޒާރުދޭ މައްސަލައެއް ފުލުހުން ބަލަމުންދާކަން ކަމަށެވެ.

ޔާމިންގެ މަރާ ގުޅިގެން ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކޮށްފައިވަނީ އިސްމާއިލް ހައިޝަމް ރަޝީދާއި އަޙްމަދު ޒިހާން އިސްމާޢީލާއި މުޙައްމަދު ދިފުރާނާއި ޙަސަން ޝިފާޒާއި އިސްމާއިލް ރަޝީދުގެ މައްޗަށެވެ.