ޚަބަރު

ހޮންގްކޮންގްގައި މުޒާހަރާކުރާ މީހުން އެމެރިކާގެ އެހީއަށް އެދެފި


އިސްތިޢުމާރުގެ ދުވަސްވަރު ހޮންގްކޮންގްގައި ހިންގުނު ޤާނޫނުތައް އަލުން އިޢާދަކުރުމާއެކު ހޮންގްކޮންގްގައި މުޒާހަރާކުރަމުންދާ މީހުން އެމެރިކާގެ އެހީއަށް އެދި ގޮވާލައިފިއެވެ.

މުޒާހަރާކުރަން ސަރުކާރުގެ އޮފީސްތައް ދޮށަށްއެއްވި މީހުން ގޮވަމުން ދިޔައީ ހޮންގްކޮންގްއަށް މިނިވަންކަން ދިނުމަށާއި ހޮންގްކޮންގްގެ ދިފާޢުގައި ކުރަންޖެހުނު ކޮންމެ ކަމެއްކުރުމަށެވެ. ފުރަތަމަ އެ ހިސާބުތަކަށް އެއްވި މީހުން މުޒާހަރާތައް ކުރިޔަށް ގެންދިޔައީ ޞުލްޙަވެރިކަމާއެކުއެވެ. ނަމަވެސް ފަހުން ފުލުހުން ބުނެފައިވަނީ މީހުންގެ ފުރާނައަށް ނުރައްކާވާވަރަށް މުޒާހަރާ ހޫނުވިކަމަށެވެ.

ފުލުހުންގެ މީހެއްގެ ގަޔަށް ވަޅިން ޙަމަލާދިނުގެ އިތުރުން އެއްވި މީހުންވަނީ ފުލުހުންނާ ދިމާއަށް ޕެޓްރޯލްބޮމާއި ގައު އުކާފައެވެ. އެކަމުގެ ރައްދުގައި ފުލުހުންވަނީ މުޒާހަރާ ރޫޅާލުމަށް ކަރުނަގޭހާއި ބާރުގަދަ ފެންހޮޅިއާއި ރަބަރު ވަޒަން ބޭނުންކޮށްފައެވެ. ހަމަނުޖެހުމުގެ ތެރޭގައި ފުލުހުން އަސްލުވަޒަން ބޭނުންކުރިކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

އިމަޖެންސީ ޤާނޫނުގެ ދަށުން އޮކްޓޯބަރު 5ވަނަ ދުވަހުވަނީ މުޒާހަރާކުރާ މީހުން ފޭސްމާސްކް ބޭނުންކުރުން މަނާކޮށްފައެވެ. އެ ޤަވާޢިދާ ޚިލާފުވާ މީހުން އެއް އަހަރަށް ޖަލަށްލެވޭނެކަމަށް އަންގާފައި އޮތަސް މުޒާހަރާކުރަމުންދިޔަ އެތައް ބަޔަކުވަނީ ފޭސްމާސްކު ބޭނުންކޮށްފައެވެ.