ޚަބަރު

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޤައުމީ ފެންވަރުގެ މައުރަޒެއް


ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރުތައް ދައްކުވައިދޭ ޤައުމީ ފެންވަރުގެ މައުރަޒެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ލޯ އެންޑް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދާ ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ހިންގި ދެކޯހެއް ނިންމި ކުދިންނަށް ސެޓްފިކެޓްދިނުމާ އެކުދިންގެ ބައެއް އުފެއްދުންތައް ދައްކާލުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ލޯއެންޑް ޖެންޑަރ މިނިސްޓްރީ ހިނގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، ދައުލަތުގެ އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް ދެއްކެވި ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީވެސް ހުނަރުތަކެއް ހުރިކުދިންކަން ފާހަގަކުރައްވާ މިހުނަރުތަކަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ތަރައްޤީކޮށް ކުރިއެރުވިދާނެ ހުނަރުތަކެއްކަމަށް ވިދާޅުވިއެވެ.އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދާ ޚާއްޞައެހީއަށްބޭނުންވާ ކުދިން ފުރިހަމަކުރި ތިނޯހުގެ މަސައްކަތްތައް ދަސްކޮށްދޭ ކޯހާއި ކެއްކުމާ ކޭކްއެޅުމުގެ ކޯހުގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިން ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދައްކާލުމުގެ މައުރަޒެއް މިދިޔަ ހަފްތާތެރޭގައި އެސްކޫލްގައި ވަނީ ބާއްވާފައެވެ.މިދެކޯސް ފުރިހަމަކުރި ޚާއްޞައެހީއަށް ބޭނުންވާކުދިންގެ ފަރާތުން މިހަފްލާގައި ވާހަކަދައްކަމުން ކޯހުގެ ބައިވެރިއަކުވަނީ ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަކީވެސް ހުނަރުވެރި ބައެއްކަމަށް މުޖްތަމައުން ޤަބޫލުކޮށް މިހާރަށްވުރެ ފުޅާ ފުރުޞަތުތައް އެކުދިންނަށް ފަހިކޮށްދިނުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ.ޚާއްޞަ އެހީއަށް ބޭނުންވާކުދިންނަށް ތައުލީމާ އެހެންކަންކަމުގައިވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރެވެމުންދާއިރު ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދިނުމާ ތަފާތުކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަލްޓިޕާޕާސް އިމާރާތެއްގެ މަސައްކަތްވެސް މިއަހަރު ފެށުމަށް ހަމަޖެހިފައިވާކަމަށް ލޯ އެންޑް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.