ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ޚިދުމަތް ސްކޫލުން ދެނީ


ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ޚިދުމަތް ސްކޫލުތަކުން ދިނުމުގެ މަސައްކަތް އަންނަ އަހަރު ފަށަން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހުރިހާކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ސްޓްރެޓެޖިކް ޕްލޭނާއި ކެޕޭސިޓީ ނީޑްސް އެނަލިސިސް ތައްޔާރުކުރުމުގެ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ އެމިނިސްޓްރީން ކުރައްވަމުން ގެންދާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވާކަމަށާ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސްކޫލުން ތެރަޕީ ނުލިބޭކަމުގެ ޝަކުވާ ބެލެނިވެރިން އަބަދުވެސް ކުރާކަން ފާހަގަ ކުރެއްވިފައިވާކަމަށެވެ. މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމުގެގޮތުން އަންނައަހަރު ސްކޫލުތަކުގައި ތެރަޕީ ދިނުމުގެ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމަހުގެ 12އިން 17އަށް ހުޅުމާލޭގެ ހުރަވީ ސްކޫލުގައި ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގައި ސްކޫލްތަކުގެ ޕްރިންސޕަލުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން ޖަމްޢިއްޔާ،ޖަމާޢަތްތަކާއި މިނޫންވެސް ކަމާގުޅުންހުރި ދާއިރާތަކުން ބައިވެރިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އެކްސްކްލޫސިވް އެޑިއުކޭޝަންގެ ޑީރެކްޓަރ ޖެނެރަލް އަޙްމަދު އާތިފް ވިދާޅުވީ މިހާރު ކުރިއަށްދާ މަސައްކަތުބައްދަލުވުން ނިމިގެންދާއިރު ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެކަމަށެވެ. އެގޮތުން އޮސްޓްރޭލިއާ ޔުނިވަރސިޓީއެއްގެ ޚާއްސަ ފަންނީ ބޭފުޅުން ކުރިއަށްގެންދާ މިމަސައްކަތު ބައްދަލުވުން ނިމޭއިރު އެންމެން ގުޅިގެން ފިލާވަޅު ރާވާނެ ގޮތްތައް އެނގި ކަންކަން ހަރުދަނާ ވެގެންދާނެކަމަށެވެ.

މި ހަފްތާގައި ކުރިއަށްދާ މިމަސައްކަތުބައްދަލުވުމުގައި އުނގެނުމުގައި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު އަދި އެކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ސްޓްރެޓީޖިކް ޕްލޭން އިސްލާހު ކުރެވި ކުރިއަށް ހުރިކަންކަން ރާވައި އެކަމަށް ހިނގާނެ ޙަރަދު އެނގިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.