ޚަބަރު

ކުރީގެ ސަރުކާރުންވަނީ ނުހައްގުން އެތަކެއް ވިޔަފާރިވެރިންނަށް ގެއްލުންދީފައި - ޢަލީ ވަޙީދު


ހިނގަ ހިނގާހުރި އެތަކެއް އެބަސްވުންތަކެއް ނުހައްގުން އުވާލައި އެތަކެއް ވިޔަފާރިވެރިންނަށް ކުރީގެ ސަރުކާރުން ގެއްލުންދީފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން އެކޮމިޓީގައި އޮތީ ދައުލަތުގެ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިންތިޒާމުތަކާއި ގެންގުޅޭ އުސޫލު މުރާޖާ ކުރުމާ ގުޅޭގޮތުން ކޮމިޓީއަށް ފޮނުވާފައިވާ ގަރާރާއި ގުޅޭ މައްސަލަ ދިރާސާކުރުމެވެ.

މިކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ޓުއަރިޒަމް ދާއިރާގެ އެތައް ވިޔަފާރިތަކަކަކށް ނުހައްގުން ކުރީގެ ސަރުކާރުން އަނިޔާ ދީފައިވާކަމަށެވެެ. ހައްގު ގޮތުގައި ވިޔަފާރިތައް ހިނގަ ހިނގައި ހުއްޓާ އެވިޔަފާރިއަކީ ކުރީ ސަރުކާރު ނުރުހޭ ނުވަތަ އެކުންފުންޏެއްގެ ވެރިޔަކީ ސަރުކާރާ ޚިޔާލުތަފާތު ފިކުރެއްގެ މީހަކަށްވާނަމަ އެމީހެއްގެ އެއްބަސްވުން އުވާލައި ނުހައްގު އަނިޔާތައް ދީފައިވާކަމަށެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ޙަވާލުވެ ވަޑައިގެން އެންމެ އިސްކަމެއް ދެއްވާފައިވަނީ އިންސާފް ޤާއިމްކޮށްދެއްވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަން ކުރުމުގައި ލަސްތަކެއް ހުރިނަމަވެސް ސަރުކާރުން މިކަމަށް އެކުލަވާލާފައިވާ ކޮމިޓީއާއި މިނިސްޓްރީ ގުޅިގެން މިފަދަ ނުހައްގު އަނިޔާ ލިބިފައިވާ ފަރާތްތަކާމެދު އޢަމުލުކުރާނެ ގޮތްތަކެއް އިންސާފުވެރިކަމާއިއެކު ކަނޑައަޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ބަންޑާރަ ނައިބްގެ ލަފާގެ މަތިން މިކަންކަން ކުރުމުގެ އެންމެބޮޑު މަޤުސަދަކީ ކުރީސަރުކާރުން ވިޔަފާރި ވެރިންނާމެދު ކަންކަން ކޮށްފައިވާގޮތަށް ކުރަންޖެހިއްޖެނަމަ މިކަމުގެ ބުރަ ދައުލަތަށް އުފުލަންޖެހިދާނެތީކަމަށެވެ. އެއްވެސް ހަމައެއް އުސޫލެއްނެތި ކަންކަން ކުރުމުން މިއަދު އޭގެ ގެއްލުން އެންމެބޮޑަށް ކުރަމުންދަނީ ދައުލަތަށްކަން، ދެވޭ ގެއްލުމުގެ ބަދަލުތަކުން އެކަނިވެސް ހާމަވާކަމުގައި މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.