ޚަބަރު

ސަރުކާރުން ބަދަލުދިން ކުންފުނިތަކުގެ މައްސަލަ އޭސީސީން ބަލަނީ


ބަދަލުގެ ގޮތުގައި ސަރުކާރުން ބޮޑެތި ޢަދަދުތަކުން ކުންފުނިތަކަށް ފައިސާދިނުމަށް ނިންމާ ނިންމުތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުޤީގު ކުރަމުންދާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ހަވާލުކުރި ކުންފުނިތަކާއެކުވީ، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމާގުޅިގެން ކުންފުނިންތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

މިއީ ދަޢުލަތުގެ ބަޖެޓުންވެސް އެކަމަށް ބޮޑެތި ހޭދަތަކެއް ކުރަން ޖެހޭ ކަމެކެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަލަށް ޢައްޔަންކުރި މެންބަރުންނާއެކު އެކޮމިޝަނުން ފުރަތަމަ ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ދައުލަތުން ބަދަލުދިނުމާގުޅޭ މައްސަލަތައް މުހިންމު މައްސަލައެއްގެ ގޮތުގައި އެކޮމިޝަނުން ބަލަމުން އަންނަކަމަށެވެ.

"މި މައްސަލަ ކޮމިޝަންގެ އަމިއްލަ އިސް ނެގުމުގެ ދަށުން މި އަންނަނީ ބަލަމުން." ޝިއުނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކޮމިޝަންގެ މެންބަރު އިބްރާހީމް ޝަކީލް ވިދާޅުވީ މައްސަލައަކީ ފައިސާގެ ބޮޑެތި ޢަދަދުތަކާގުޅޭ މައްސަލައަކަށްވާތީ އެކަން ތަޙްޤީގު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި މިމައްސަލަތައް އެކޮމިޝަނުން ބަލަމުންދާނީ ވަކިވަކިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިގޮތަށް ގިނަ ކުންފުނިންތަކަށް ފައިސާ ދޭން ނިންމާފައިވާއިރު، މި މައްސަލަތައް ވަކިވަކިންވެސް ކޮމިޝަނުން ބަލާނަން." ޝަކީލް ވިދާޅުވިއެވެ.

ސަރުކާރުން ޙަވާލުކުރި އެކި މަޝްރޫޢުތަކުގެ އެއްބަސްވުން އުވާލުމާގުޅިގެން ގިނަ ކުންފުނިތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މީގެތެރޭގައި ނޫމަޑި ކުންފުންޏަށް ދޭން ނިންމި 50 މިލިއަން ޑޮލަރާއި، މެލޭޝިއާގެ ނެކްސްބިޒްއަށް ދެއްކި 18މިލިއަން ޑޮލަރާއި، ރިޒޯޓް ހެދުމަށް އެއްބަސްވެ އެއްބަސްވުން އުވާލާފައިވާ ކުންފުނިތަކަށް ދޭން ނިންމާފައިވާ ބޮޑެތި ޢަދަދުތަކުގެ ބަދަލުތައް ހިމެނެއެވެ.

މީގެއިތުރުން ހުޅުމާލޭގައި ސީލައިފުން އިމާރާތްކުރި ފްލެޓްތަކަށް، ޢާއްމުންގެ އަތުން ނެގި ފައިސާގެ ބަދަލުވެސް ސަރުކާރުންވަނީ އެމީހުންނަށް ދޭން ނިންމާފައެވެ.