ކުޅިވަރު

ވަރުބަލިކަން އެބަހުރި، އެކަމު މިރޭގެ މެޗަށް ތައްޔާރު - ކޯޗު ބެލްސަރ


ދިގު ދަތުރަކަށްފަހު ކުޅުންތެރިން ތިބީ ކޮންމެވެސް ވަރަކަށް ވަރުބަލިކޮށް ކަމަށާއި، ނަމަވެސް މިރޭގެ މެޗު އެއްގޮތަކަށްވެސް ފަސޭހަ ނުކުރާނެ ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗް ކޯރޭ ބެލްސަރ ބުނެފިއެވެ.

ސިންގަޕޫރުގައި ގައުމީ ބާސްކެޓްބޯޅަ ޓީމު މިހާރު ކުރިއަށްގެންދަމުންދާ ޓްރެއިިނިންގ ކޭމްޕުގައި މިރޭ ސިންގަޕޫރުގެ ފުރަތަމަ ޑިވިޝަނުގެ ޓީމަކާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއްގައި ނިކުންނާނެއެވެ. ދިގު ދަތުރަކަށްފަހު ޓީމުގެ ފުރަތަމަ ފަރިތަކުރުން މިއަދު ހެނދުނު ކުރިއަށްގެންދިޔައެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް ސިންގަޕޯރގެ ރަސްމީ ޓްރެއިނިންގ ހޯލްގައި މިއަދު ކޭމްޕުގެ ފުރަތަމަ ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ގައުމީ ކޯޗް ކޯރޭ ބުނީ، ދިގު ދަތުރެއް ކުރަން ޖެހުމުން ކުޅުންތެރިން ތިބީ ތަންކޮޅެއް ވަރުބަލިކޮށް ކަމަށާއި، ނަމަވެސް ފަރިތަކުރުން ކުރިއަށް ގެންދެވުނު ގޮތާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ.

ކޯޗު ބުނީ މިރޭ ވާދަކުރަން ޖެހެނީ ސިންގަޕޫރުގެ ވަރުގަދަ ކުލަބަކާއި ދެކޮޅަށް ކަމަށާއި، އެހެންކަމުން ހެނދުނުގެ ފަރިތަކުރުމުގައި ބޮޑަށް ކުރިއަށް ގެންދިޔައީ ގޭމް ޕްލޭންގެ ބައިތައްކަމަށެވެ. އަދި ލުއި ފަރިތަކުރުމުރުމަކަށްފަހު ޖީމް އެކްސަސައިޒްތަށް ކުރިއަށް ގެންދިއުމުން މިހާރު ކުޅުންތެރިން ތިބީ މެޗަށް އެކަޝީގެންވާ ވަރަށް ތައްޔާރުކުރެވިފައި ކަމަށްެވެސް ކޯޗް ކޯރޭ ބެލްސަރ ބުންޏެވެ.

ކޯޗް ބުނީ މިރޭގެ މެޗުގެ ބޮޑަށް ބޭނުންވަނީ އިދިކޮޅުން ކުޅޭ ޓީމަށް ރަނގަޅު ވަރުގަދަ ފައިޓެއް ދޭން ކަމަށާއި، މިފަދަ ޓްރެއިނިންގ ކޭމްޕެއްގެ އެންމެ ބޮޑު ބޭނުމަކީވެސް އެއީ ކަމަށެވެ. އަދި މި ކޭމްޕުގައި ކުރިއަށްވެސް އެކުވެރިކަމުގެ މެޗުތަށް ކުޅެން ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން މިރޭގެ މެޗުގައި ބޮޑަށް މަސައްކަތް ކުރާނީ ކުޅުންތެރިންނަށް ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅެން ފުރުސަތުދީ ތަޖުރިބާ ހޯދައިދޭންކަމަށެވެ.

"ދަތުރުގެ ފުރަތަމަ ދުވަސް ދިޔައި ވަރަށް ވަރުބަލިކޮށް، ދިގު ދަތުރުތަކެއް ކުރަން ޖެހުނީ، އެކަމު ފުރަތަމަ ފަރިތަކުރުމުގައިވެސް ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް އެނާޖެޓިކް ކޮށް. އަނެއްކޮޅުން މިރޭ މެޗު ކުޅެން ޖެހޭތީ ވަރަށް ލައިޓް ޕްރެކްޓިހެއް މި ކުރިއަށް ގެންދިޔައީ، ބޮޑަށް ގޭމް ޕްލޭން ރާވާލީ، އެއައްފަހު ޖީމް ޖައްސާލީމަ މިހާރު ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފިޓްކޮށް" ކޯޗް ކޯރޭ ބެލްސަރ ބުންޏެވެ.

ސިންގަޕޫރުގައި ކުރިއަށްދެންދާ ޓްރެއިނިންގ ކޭމްޕުގައި ސިންގަޕޫރުގެ ޤައުމީ ޓީމާއި ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.