ޚަބަރު

ހާލު ކިހިނެއް ނަމުގައި ހާއްސަ ކެމްޕޭނެއް ބ.އަތޮޅު ހޮސްޕިޓަލުން ފަށައިފި


ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ބ.އަތޮޅުގެ ރައްޔިތުން ހެދުމުގެ މަގްސަދުގައި ބ.އަތޮޅު ހޮސްޕިޓަލުން "ހާލު ކިހިނެއް" ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
އާބާދީގެ ކުޑަ ބޮޑުމިނެއް ބެލުމެއްނެތި ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ހަރަކާތް ފަށާފައިވަނީ އެއަތޮޅު ފުޅަދޫގައެވެ.

ހާލު ކިހިނެ ކެމްޕެއިން އަކީ ބ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް. މިކެމްޕެއިން ކުރިއަށް ގެންދާނީ ބ.އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓާ، ރައްރަށުގެ ހެލްތް ސެންޓަރތަކުގައި މަސައްކަތް ކުރާ ހެލްތް ވޯކަރުންގުޅިގެންނެވެ.
މިހަރަކާތް ފެށުމުން ރަށްރަށުގެ ޢާއްމުން ޞިއްޙީ ހާލަތު ވަރަށް ބޮޑުތަނުން ރަގަޅުވެގެންދާނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން ބ.އަތޮޅު ހޮސްޕިޓަލްގެ ހެލްތް ސާވިސް މެނޭޖަރ މުހައްމަދު ރަޝީދު ވިދާޅުވީ، މިއީ ސިއްޙީ ގޮތުން ލިބޭ ވަރަށްބޮޑު ކުރިއެރުމެއްކަމަށާ، ކުދި އާބާދީތަކުގެ ސިއްޙީ ހާލަތު ރަގަޅު ކުރުމަށް ކުރަމުންގެންދާކަން މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތްކޮށް ޙާލު އަޙްވާލު ބަލައި އެމީހުންނަށް ސިއްހީ ގޮތުން ބޭނުންވާ ކަންކަން އޮޅުން ފިލުވާ، ސިއްޙީ ގޮތުން އެ ބޭނުންވާ ކަމެއް ފޯރުކޮށްދިނުމުގައި އެހީތެރިވުން ހިމެނޭކަމަށެވެ. ބ.އަތޮޅު ހޮސްޕިޓަލްގެ ހެލްތް ސާވިސް މެނޭޖަރަ މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މި ޙަރަކާތް ފެށުމުން ރައްޔިތުންގެ ޙާލަތު ވަރަށް ގާތުން ބެލުމުގެ ފުރުސަތު އޮންނާނެކަމަށް ގަބޫލް ކުރާކަމަށާ، އިތުރު ތަމްރީން ހޯދުމަށްވެސް ފަސޭހަތަކެއް ވެގެންދާނެކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފުޅަދޫ ކައުންސިލްއިދާރާގެ ޒިންމާދާރުވެރިޔާ އަލީ އަޒްހަރުއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މިހާރުވެސް އަންނަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއެކު ހަފްތާއެއްގެ ކޮންމެސް އެއްދުވަހެއްގައި އަތޮޅުގެ ރައްތަކަށް ޒިޔާރަތްކޮށް، ބަލިމީހުން ބަލަމުންނެވެ.