ކުޅިވަރު

ބްރޭކްތަކުގެ ސަބަބުން ޓީމުގެ މޯޓިވޭޝަނަށް އަސަރުކުރޭ: ފެސްކޯ


ބްރޭކަށް ފަހު ލީގުގެ ކުޅުން މިއަދު ފަށާއިރު، ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓީމުގެ މޯޓިވޭޝަން ގެއްލުން ކަމަށް ފ.ނިލަންދޫ ޓީމުގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެ އަދި ސީރިޔާ ބައްދަލުކުރި މެޗަށް ލީގުގެ ކުޅުން މެދު ކަނޑާލުމަށްފަހު އަލުން މިއަދު ފަށާއިރު ނިލަންދޫ ކުޅޭ ފުރަތަމަ މެޗުގައި އެޓީމު ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށެވެ. ލީގު މެދު ކަނޑާލިއިރު ނިލަންދޫ އޮތީ މިހާތަނަށް ކުޅުނު 9 މެޗުން ހޯދި 6 ޕޮއިންޓާއެކު ތާވަލްގެ ފުލުން ދެވަނައިގައެވެ.

މެޗަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ނިލަންދޫ ޓީމުގެ ކޯޗު އަހުމަދު މުޖްތަބާ (ފެސްކޯ) ބުނީ، ބްރޭކަށް ފަހު ލީގުގެ ކުޅުން އަލުން ފަށާއިރު ޓީމުގެ ކުޅުންތެރިން މޯޓިވޭޝަނަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށާއި، ބްރޭކާއި ހަމަޔަށް، އެޓީމްއައީ ވަރަށް ރަނގަޅަށް ކުޅެމުންކަމަށެވެ. ނަމަވެސް އަނެއްކާ ލީގުގެ ކުޅުން ފަށަން މި ޖެހުނީ ޖޯޝާއި ފޯރި މިހާރު ޓީމުގެ ތެރެއިން ގެއްލިފައި ވަނިކޮށްކަމަށެވެ.

ފެސްކޯ ބުނީ، ނިލަންދޫއާއި ދެކޮޅަށް ނުކުންނަ ޔުނައިޓެޑް ވިކްޓްރީއަކީ ވަރުގަދަ ޓީމެއް ނޫންކަމަށާއި، މި މެޗަށް ނިކުންނަނީ މޮޅުވެ ތިން ޕޮއިންޓް ހޯދަންކަމަށެވެ.

"ދެން ބްރޭކެއް އައުމުގެ ސަބަބުން ކުޅުންތެރިންގެ މޯޓިވޭޝަނައަށް ވަރަށް ބޮޑު އަސަރެއް މީގަ ހަގީގަތުގައި ކުރޭ. ބްރޭކާއި ހަމަޔަށް ނިލަންދޫ ވަރަށް ރަނގަޅަށް ޕާފޯމް ކުރަމުން އައީ. ނަމަވެސް މިހާރު ޖޯޝާއި ފޯރި ގެއްލިފައިވަނިކޮށް މި ފަށަނީ." ފެސްކޯ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ، ޔޫވީގެ ކުޅުމުގެ ވައްޓަފާޅިއަށް މިހާރު ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާކަމަށާއި، އެގޮތުން ގިނަ މެޗުތަކަށް ދެން ނުކުންނާނީ ޑިފެންސަށް އިސްކަން ދީގެންކަމަށެވެ. ސަބަބަކީ މީގެ ކުރިން ކުޅެފައި ހުރި ގިނަ މެޗުތަކުގެ ފުރަތަމަ ދިހަ މިނެޓު ތެރޭގައި ޔޫވީ ކޮޅަށް ލަނޑެއް ވަނުންކަމަށެވެ. ނަޒީހު ބުނީ ލީގުގައި ޔޫވީއަށް ވުރެއް މަތީގައި އޮތް ޓީމުތައް އަތުން ޕޮއިންޓެއް ހޯދަން މިހާރު މަސައްކަތް ކުރަން ޖެހޭކަމަށެވެ.

"ޔޫވީ ދެން މިހާރު ކުޅުމުގެ ވައްޓަފާޅިއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން މި އުޅެނީ. ޔޫވީއަށް ވުރެއް މަތީގާއި އޮތް ޓީމުތައް އަތުން ޕޮއިންޓެއް ހޯދަން މަސައްކަތް ކުރަން އެބަޖެހޭ. އެގޮތުން ޑިފެންސަށް އިސްކަންދީގެން ދެން މެޗުތަކަށް ނުކުންނާނީ". ނަޒީހު ބުންޏެވެ.

ލީގުގައި މިހާތަނަށް ޔުނައިޓެޑް ވިކްޓްރީ 9 މެޗު ކުޅެފައިވާއިރު އެޓީމު އޮތީ 7 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ. ލީގުގައި ޔުނައިޓެޑް ވިކްޓްރީއާއި ނިލަންދޫ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރުއެވެ.