ކުޅިވަރު

ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ސިންގަޕޫރަށް


ޑިސެމްބަރު މަހުގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ރާއްޖޭގެ ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ސިންގަޕޫރަށް ހިނގައްޖެއެވެ.

މިމަހުގެ 13 އިން 20 ގެ ނިޔަލަށް ސިންގަޕޫރުގައި ބާސްކެޓް ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައިވާއިރު، މި ކޭމްޕްގައި އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅޭނެއެވެ.

ކޭމްޕަށް ފުރުމުގެ ކުރިން ވާހަކަދައްކަމުން ޤައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗު އެލްގްސަންޑަރ ކޯރޭ ބުނީ، މި ޓްރެއިނިން ކޭމްޕުގެ ސަބަބުން ޓީމަށް އިތުރު ކުރިއެރުންތަކެއް އަންނާނެކަމަށާއި، ސައުތް އޭޝިއަން ގޭމްސްއަށް ދިޔުމުގެ ކުރިން މި ކޭމްޕްގައި ކުޅޭ މެޗުތަކުގެ ސަބަބުން ޓީމަށް އިތުރު ތަޖުރިބާއެއް ލިބޭނެކަމަށެވެ. ކޯޗު ބުނީ މި ކޭމްޕްގައި ސިންގަޕޫރުގެ ޤައުމީ ބާސްކެޓް ޓީމާއެކު 2 މެޗު އަދި އެ ޤައުމުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއެކު މެޗެއް ކުޅެން ހަމަޖެހިފައިވާކަމަށެވެ

ބާސްކެޓް ޓީމުގެ ކެޕްޓަން އަޙުމަދު ޒިލާލް ބުނީ، މި ޓްރެއިނިން ކޭމްޕަކީ ސާފް ގޭމްސްގައި މެޑަލް ހޯދަން ކުރާ މަސައްކަތަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، ޚާއްސަކޮށް ސިންގަޕޫރުގެ ޤައުމީ ޓިމާއި ލީގު ޗެމްޕިއަން ޓީމާއި ދެކޮޅަށް މެޗެއް ކުޅެލަން ލިބުމުން ޓީމަށް އިތުރު ކުރިއެރުންތަކެއް އަންނާނެކަމަށެވެ.

ފިރިހެން ޓީމް ސިންގަރޫޕުގައި ކޭމްޕްކުރާއިރު އަންހެން ޓީމް ގޭމްސްގެ ކުރިން ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ ތައިލެންޑްގައެވެ. އަންހެން ޓީމް ތައިލެންޑަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 23 ގައެވެ. ޤައުމީ އަންހެން ޓީމްވަނީ މީގެ ކުރިން ކުޅުދުއްފުށީގައިވެސް ކޭމްޕްކޮށްފައެވެ