ޚަބަރު

އިލެކްޝަންސް ކޮމިޝަނަށް ކުރިމަރިލެއްވި ބޭފުޅުންގެ އިންޓަރވިއު މިމަހުގެ 22ގައި


އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 4 ބޭފުޅުންނާއި އިންޓަރވިއު ކުރުން މިމަހުގެ 22 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަވުމުގައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވި 4 ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީޤާއި، އެކޮމިޝަނުގެ މިހާރުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާއާއި، ހަސަން ނާޒިމާއި މަރިޔަމް ހަނީފާ ޙާލިދާ ސުވާލުކުރެއްވުން މިމަހުގެ 22ވާ އަންގާރަދުވަހު ބޭއްވުމަށް ފާސްކޮށްފައެވެ.

މިކަމަށް ނެގި ވޯޓްގައި ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ 22 ވަނަ ދުވަހު މި އިންޓަރވިއު ކުރިއަށް ގެންދިއުމަށް ފާސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކަނޑައެޅުމަށް ކުރެވޭ މަސައްކަތަކީ އެ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެ ވި ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްތަފާގެ މެމްބަރުކަމުގެ ދައުރު އަންނަ މަހުގެ 24 ވަނަދުވަހު ހަމަވާތީއެވެ.

އީސީއަށް އައްޔަންކުރެއްވުމަށް ފޮނުއްވެވި ނަންފުޅުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަން ދެއްވާފައިވާ ފުއާދު ތައުފީޤަކީ އެކޮމިޝަންގައި ރައީސްކަން ކުރައްވާފައިވާ އަދި ގިނަދުވަސްތަކެއް ވަންދެން އެކޮމިޝަނުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅާ ފުއާދު ތައުފީގުގެ މައްޗަށް ވަނީ 2014ވަނަ އަހަރު 6 މަސް ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމްކޯޓުން އިއްވާފައެވެ. އަދި ފުއާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެކަމަށްވެސް ކޯޓުން ކަނޑައެޅިއެވެ.