ވިޔަފާރި

ޓެރަރިޒަމްގެ ހަމަލާއަކުން ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި


ޓެރަރިޒަމްގެ ހަމަލާއަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

މިމަހުގެ 14 އިން 15 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ ރާއްޖޭގެ އެކި ރިސޯޓުތައް ބައިވެރިވާގޮތަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ މި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދެވެ. މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ޓުއަރިޒަމް މިނިސްޓްރީގެ އިސް ވެރިންނާއި އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގައި އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މި ނަސައްކަތު ބައްދަލުވުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

"ރިސޯޓް ސެކިއުރިޓީ ރެސްޕޯންސް މެނޭޖްމަންޓް ވަރކްޝޮޕް" ގެ ނަމުގައި ކުރިއަށްގެންދާ މި ބައްދަލުވުމުގައި ޓެރަރިސްޓް ހަމަލާއެއް ދީފި ހާލަތެއްގައި ޢަމަލުކުރާ އުސޫލުތަކާއި މި އުސޫލުތަކުގެ ހަރުދަނާކަމާއި ބެހޭގޮތުން ވާހަކަދައްކާނެއެވެ. އަދި މި ފަދަ ހަމަލާތަކެއް ކުރިމަތިވާ ހާލަތެއްގައި މި ހަމަލާތަކުން ރައްކާތެރިވުމައި ހާދިސާއަށްފަހު ދެން ކަންތައްތައް ރާވަންޖެހޭ ގޮތްތަކާއި ބެހޭގޮތުން ވެސް މަޝްވަރާކުރެވޭނެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ރިސޯޓުތަކުން ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުން ހިމެނޭގޮތުން ޖުމްލަ 39 ފަރާތަކުން ބައިވެރިވެފައިވެއެވެ.