ދުނިޔެ

ބައިޖީ އަވަށުގެ ބޮޑު ބައެއް އިރާޤު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް


އައި.އެސް ހަނގުރާމަވެރިން ހިޞާރުކޮށްގެން އުޅުނު، އިރާޤުގެ ބައިޖީ އަވަށުގެ ބޮޑު ބައެއް އިރާޤު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފިއެވެ.އިރާޤު ސިފައިން ބުނެފައިވަނީ، އައި.އެސްގެ ބާރުގެ ދަށުގައި އޮތް ބައިޖީ އަވަށުގެ ބޮޑު ބައެއް ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނެވުނީ ޝިއީ ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ "ހާޝިދް އަލް ޝާބީ" ގްރޫޕާއި ގުޅިގެން ދިން ޙަމަލާތަކެއްގައި ކަމަށެވެ.އެއްގަމު މަގުން ދިން ޙަމަލާތަކުގައި އައި.އެސްގެ ސަފުތައް ރޫޅާލާ ،އައި،އެސް ގެ ގިނަ މަޤާމްތައް ނައްތާލާފައިވާކަމަށްވެސް އިރާޤް  ސިފައިން ބުނެއެވެ.ބައިޖީ ހިފުމަށް ސިފައިން ކުރި މަސައްކަތުގައި ދެބައިމީހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތައް ހިނގި ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން އައި.އެސްއިން ސްނައިޕަރާއި އަތުން ބޮން ބޭނުންކޮށްގެން ޙަމަލާ ދީފައިވާއިރު،އިރާޤް ސިފައިން ޙަމަލާ ދީފައިވަނީ ބަރު ހަތިޔާރު ބޭނުންކޮށްގެން ކަމަށް ބައިނަލް އަޤްވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.ބައިޖީ ހިފުމަށް ހިންގި އޮޕަރޭޝަނުގައި އެމެރިކާގެ ގުޅިފައިވާ ލަޝްކަރުންވެސް ވަރުގަދަ ވައިގެ ޙަމަލާތައް ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.