ސިޔާސީ

އޯއައިސީއަށް ކަނޑައަޅާ ސަފީރުކަމަށް ޚަލީލް އައްޔަންކުރުމަށް ރުހުން ހޯދަން ފޮނުވައިފި


ސަޢޫދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙަލީލް، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)އަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަންކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ޚަލީލަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ސިޓީފުޅު މިއަދު ވަނީ ރައްޔިތުންގެ ޖަލްސާއަށް އިއްވާފައެވެ.

އޯއައިސީގެ ސަފީރުކަމަށް ޚަލީލް ޢައްޔަންކުރުމަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކައި ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

އޯއައިސީއަށާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރުގެ މަޤާމަށް އައްޔަންކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވާފައިވާ މުޙައްމަދު ޚަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމާއި އެކްޓިން ހައިކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ޚަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަޤާމުތައް ފުރުއްވާފައެވެ. މީގެއިތުރުން މުޙައްމަދު ޚަލީލު ވަނީ އިންޑިޔާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަރސިޓީއިން އެންވަޔަރަމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވާފައެވެ.

އޯއައިސީއަކީ ދުނިޔޭގެ އިސްލާމީ ޤައުމުތައް ތަމްސީލްކުރާ ޖަމާޢަތެކެވެ. 1969ގައި އޯއައިސީ އުފެދުމާއެކު އެޖަމާއަތް ވެގެން ގޮސްފައި ވަނީ މުޅި މުސްލިމް އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ. ބިލިޔަނަކަށްވުރެ ގިނަ މުސްލިމުން ތަމްސީލުކުރުމަށް އޯއައިސީގައި މިހާރު 57 މެންބަރު ޤައުމު ބައިވެރިވެއެވެ.