ކުޅިވަރު

16 އަހަރުން ދަށުގެ ޔުއެފާ އެސިސްޓް މުބާރާތަށް ޤައުމީ ޓީމު ބަންގްލަދޭޝްއަށް ހިނގައްޖެ


ބަންގްލަދޭޝްގައި ބާއްވާ ޔުއެފާ އެސިސްޓް 16 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު ބަންގްލަދޭޝްއަށް ހިނގައްޖެއެވެ.

ބަންގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައި މި މަހުގެ 16 އިން 20 ގެ ކުރިޔަށްގެންދާ މި މުބާރާތުގައި ރާއްޖެއާއެކު ދެން ވާދަކުރާ ޤައުމުތަކަކީ، ބަންގްލަދޭޝް، ފެރޯ އައިލެންޑްސްގެ އިތުރުން ކެމްބޯޑިއާއެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ނިކުންނާނީ ފެރޯ އައިލެންޑްސްއާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ހުކުރު ދުވަހު ކެމްބޯޑިއާއި ދެކޮޅަށް ނުކުންނައިރު ފަހު މެޗުގައި އާދިއްތަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ބަންގްލަދޭޝްއާއި ދެކޮޅަށެވެ،

2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އަށް ރަނގަޅު ޓީމެއް ތައްޔާރުކުރުމަށް، ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމަށް މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖެއްސިފަހުން، ޒުވާން ޓީމުން ވަނީ ދެ މުބާރާތެއްގައި ކުޅެފައެވެ. އެގޮތުން އޯގަސްޓް މަހު ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ 16 އަހަރުން ދަށުގެ އިންޓަނޭޝަނަލް 4 ނޭޝަންސް ކަޕްގައި ރާއްޖޭގެ ޒުވާން ޓީމު ވާދަކުރިއިރު، މިދިޔަ މަހު ޒުވާން ޓީމު ވަނީ 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 16 އަހަރުން ދަށުގެ އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނުގައިވެސް ވާދަކޮށްފައެވެ.