ކުޅިވަރު

ލޯ މެޑަލް ހޯދި ޓީމަށް ބޯނަސްއެއްގެ ގޮތުގައި 6 ލައްކަ 40 ހާސް ރުފިޔާ


މިދިޔަ މަހު ނޭޕާލްގައި ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޯދި ރާއްޖޭ ޒުވާން ޓީމަށް ބޯނަސްއެއްގެ ގޮތުގައި 640،000 (ހަ ލައްކަ ސާޅީސް ހާސް) ރުފިޔާ ދިނުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

18 އަހަރުން ދަށުގެ ޤައުމީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހޮޓެލް ޖެންގައި ރޭ ވަނީ ޚާއްސަ ރަސްމީޔާތެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަހީދު އަދި ގައުމީ ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފައެވެ.

މި ޚަފްލާގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕުގެ އޭޖު ކެޓަގަރީ މުބާރަތަކުން ބްރޯންޒް މެޑަލް ހޯދައިފި ނަމަ ކޮންމެ ކުޅުންތެރިޔަކަށް ކުރިން ދޭން ނިންމާފައި ވަނީ 5،000 ރުފިޔާކަމަށާއި، އެކަމަކު މިހާރު އެކުޅުންތެރިންނަށާއި ޓީމުގެ ހުރިހާ އޮފިޝަލުންނަށް 20،000 ރުފިޔާ ލިބޭނެކަމަށެވެ.

މަހުލޫފް ވިދާޅުވީ، މީގެ ކުރިން ސާފް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދީމަ ވެސް ކުޅުންތެރިންނަށް ލިބުނީ 35،000 ރުފިޔާ ކަމަށެވެ. އެއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތާ އެއްހަމަ އަދަދެއް ނޫންކަން ފާހަގަ ކުރައްވަމުން މަހްލޫފް ވިދާޅުވީ ކުޅިވަރާ ބެހޭ މަޖިލީހުން މިހާރު ނިންމާފައި ވަނީ އެފަދަ ކާމިޔާބީއަކަށް 250،000 ދިނުމަށް ކަމަށެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި މެޗު އެއްވަރުކޮށްފިނަމަ، ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ރުފިޔާ ދޭނެކަމަށް ކުރިން ބުނުމުން، އާއްމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަމަށެވެ. އެކަމާ ގުޅުވައިގެން އެއްބަޔަކު ވާހަކަ ދައްކަމުން ދިޔައީ އެ ފައިސާ ހާލުގައި ޖެހިފައި ތިބި ބަޔަކަށް ދިނިއްޔާ މާ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ކުޅިވަރާ ބެހޭ މެންޑޭޓުގައި ނުހިމެނޭ އެއްވެސް ކަމަކަށް ކުޅިވަރުގެ ބަޖެޓުން ޚަރަދު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް މަހުލޫފު ވިދާޅުވި އެވެ.

"މި މުބާރާތުގެ ކުރިން ބްރޯންޒް ހޯދީމަ ލިބެނީ ފަސްހާ. މިހާރު އަޅުގަނޑުމެން ބަދަލުކޮށްދިފައި އެ އޮތީ ވިހިހާހަށް. އެހެންވީމަ ކޮންމެ ޕްލެޔަރަކަށް މި މުބާރާތުން ތިކުދިން ތި ހޯދި ކާމިޔާބީ ސަރުކާރުން އެކަން އެޕްރިޝިއޭޓް ކުރުމުގެ ގޮތުން ޕްލޭޔަރުންނަށްވެސް އަދި އޮފިޝަލުންނަށްވެސް ކޮނެްމެ މީހަކަށްވެސް އަޅުގަނޑުމެން ވިހިހާސް ރުފިޔާ ދޭން މި ހަމަޖައްސަނީ. ދެން ޗައިނާ މެޗުގައި ޑްރޯ ކޮށްލިޔަސް އެއް ލައްކަ ރުފިޔާ ދޭން ބުނީމަ ވެސް ވަރަށް ގޯސްވި. އަޅުގަނޑަކަށް އަޅުގަނޑުމެންގެ ބަޖެޓަކުން ހަރަދެއް ނުކުރެވޭނެ ނޫންތޯ ހެލްތަކަށް. ކިތަންމެ ވަރަކަށް މީހުން ބަލިވެ އޮތަސް އަޅުގަނޑު ކިހިނެއްތޯ ބަޖެޓުން ނަގާފައި އެކަމެއް ކުރަނީ". މަހުލޫފް ވިދާޅުވިއެވެ.

މިދިޔަ މަހު ނޭޕާލްގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްއިން ބްރޯންޒް މެޑަލް ރާއްޖެއިން ހޯދީ ތިންވަަނަ ހޮވި މެޗުގައި ބޫޓާންއާއި ވާދަކޮށް 0-1 އިން މެޗު ކާމިޔާބުކޮށްނެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ މެޗުވެސް އެއްވަރުވެގެން ނިމުނުއިރު، ރާއްޖެ ބަލިވީ ސެމީ ފައިނަލުގައި އިންޑިއާ އަތުން އެކަންޏެވެ.

ދެކުނު އޭޝިއާގެ ޔޫތު ލެވެލް މުބާރާތެއްގައި ރާއްޖެ ގަދަ ތިނެއްގައި ފުރަަތަމަ ފަހަރަށް މި ހިމެނުނީ ބޫޓާން 1-0 ބަލިކޮށްގެން ކަމަށްވާއިރު، ރާއްޖެ ސީނިއާ ލެވެލެއްގައި ފުރަތަމަ ފަހަރަށް ދެކުނު އޭޝިއާގެ ގަދަ ތިނެއްގައި ހިމެނުނީ ވެސް މީގެ 35 އަހަރު ކުރިން 1984 ވަނަ އަހަރުގެ ސާފް ގޭމްސްގެ ތިން ވަނަ ހޮވި މެޗުން ބޫޓާން 1-0 އިން ބަލިކޮށްގެންނެވެ.