ޚަބަރު

ތިމާވެއްޓާއި ގުޅުންހުރި ގިނަ ކަންބޮޑުވުންތަކެއް މެންބަރުން މިނިސްޓަރަށް ހުށަހަޅައިފި


ތިމާވެއްޓާއި ގުޅުންހުރި ގިނަ ކަންބޮޑުވުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އެކި ދާއިރާތަކުގެ މެމްބަރުން އެންވާރަމަންޓް މިނިސްޓަރ ޙުސައިން ރަޝީދު ޙަސަންއާއި ހިއްސާކުރައްވައިފިއެވެ.

ފެލިދޫ ދާއިރާގެ ކުނި މެނޭޖް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށް މަޖިލީހަށް ހާޒިރު ކުރެއްވުމުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ މިއަހަރުގެ ތެރޭގައި ފެށެންހުރި ގިނަކަންކަން ފަށައި، ކުނިކޮށިތަކަށް ބޭނުންވާ ވަސީލަތްތައް އަންނައަހަރުގެ ބަޖެޓް ކަނޑައެޅުމުން ހަމަޖެހިގެންދާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ކުނީގެ ކަންކަން ހައްލުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ހުރިއިރު، ހުރިހާ ރަށެއްގެ ކުނީގެ މައްސަލަ ހައްލުކުރެވޭނެ ވަކީ ތާރީޙެއް ދަންނަވަން ދަތިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގިނަރަށްތަކުގައި ކުނިކޮށި ޤާއިމްވެފައިވީނަމަވެސް ކުނިކޮށްޓެއް ފުރިހަމަ ގޮތުގައި އޮޕަރޭޓްކުރެވޭނީ ޕްލާސްޓިކާއި، ބިއްލޫރިފުޅިތަކާއި، ލުކުޑީގެ ބާވްތަތަކުގެ އިތުރުން ރީސައިކަލް ނުކޮށް ހުންނަތަކެތި ނައްތާލެވޭނެ ވަސީލަތްތައް ހުރެގެންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ ތަކެތި ރަށްރަށަށް ބޭނުންވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގިނަ މެމްބަރުން ވަނީ އެ މެންބަރުންގެ ދާއިރާތަކުގައި ހުރި ކުނީގެ މައްސަލަތަކާއި، އެނޫންވެސް ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ފެލިދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން، އެކަމާގުޅޭ މަޢުލޫމާތު އެކަށީގެންވާ މިންވަރަށް ނެތްކަމަށް މިނިސްޓަރ ވިދާޅުވުމުން މަޖިލީހުގެ ރައީސް ވަނީ ވަޒީރަށް 14 ދުވަހުގެ މުއްދަތެއް އެ ސުވާލުގެ ޖަވާބުދެއްވުމަށް ދެވުނުކަން ފާހަގަކުރައްވާފައެވެ، އަދި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ބަޖެޓްގެ ދަތިކަން ހުރިކަމަށްބުނެ، މަޖިލީހުން ބަޖެޓް ދެއްވުމުން ކަންކަން ފަހިވާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވާތީ މަޖިލީހުގެ ރައީސްއާއި، ބައެެއް މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު މިމައްސަލަ ހައްލުކުރުމަށް އެވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގައި ރަށްރަށުގެ ކައުންސިލްތަކާއި، މެމްބަރުންނާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.