ސިޔާސީ

ބިލް ހުށަހެޅުމަށް ސަރުކާރަށް ހުރަހެއް ނެތް، ޤާނޫނު ހެދުމުގެ މަސައްކަތް މަޖިލީހުން ކުރިއަށްގެންދާނެ - ރައީސް ނަޝީދު


ސަރުކާރުން ބޭނުންވާ ބިލްތައް މަޖިލީހަށް ފޮނުވުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި، ނަމަވެސް ރާއްޖެއަށް ބޭނުންވާ ޤާނޫނު ހެދުމުގެ މަސައްކަތް މަޖިލީހުން ހުއްޓާނުލާ ކުރިއަށްދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުން ބައެއް ބިލްތައް ޑްރާފްޓްކުރާ މައްސަލާގައި ޚިޔާލް ތަފާތު އުފެދިފައިވަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހާ ބާރު ޤާނޫނު އަސާސީން ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހަށްކަމަށާއި، އޭގެތެރޭގައި ޤާނޫނު އެކުލަވާލުމާއި، ޤާނޫނަށް ބަދަލުގެނައުމާއި ޤާނޫނު އުވާލުމުގެ އެންމެހާ މަސައްކަތްކުރަންޖެހެނީ މަޖިލީހުންކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ޤާނޫނުތައް މަޖިލީހުން ހެދިނަމަވެސް، އޭޖީ އޮފީހުން ބޭނުންވާ ޤާނޫނު ހުށައެޅުމަށް އެއްވެސް ހުރަހެއް ނެތްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މަޖިލީހުން ހަދާ ޤާނޫނުނެއް ހެދުމުގައި ދައުލަތުގެ އިދާރާތަކާއި، މުއައްސަަތާތަކާއި، ވުޒާރާތަކުން މަޝްވަރާ ހޯދުމަކީ މުހިންމުކަމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަމާގުޅޭގޮތުން މަޖިލީހުގެ އިދާރާއާއެކު އިޖްރާއަތެއް އެކުލަވާލާފައިވާކަމަށެވެ. ބިލެއް ޑްރާފްޓްކުރުމުގައި މަޖިލީހުގެ ވަސީލަތްތައް އެމްޑީޕީ އާއި އެހެން ޕާޓީން ބޭނުންކުރާތީ އެކަން ނުކުރެވޭނެކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮވެދާނެކަމަށާއި، ނަމަވެސް އެ ވަސީލަތްތައް ބޭނުންކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެއީ މަޖިލީހުގެ ވަސީލަތް ބޭނުންކުރަނީ ޤާނޫނު ހަދަންކަމަށާއި، އެ ވަސީލަތްތައް ބޭނުންކުރަނީ މެންބަރުންގެ އަންނައުނާއި ކެއުން ބުއިމަށްނޫންކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"މި މަޖިލީހުން ވަސީލަތް ބޭނުންކުރަނީ ތިއައިން އެއްވެސް ބޭފުޅެއްގެ ގޭގަ ލައިގެން ކާއެއްޗެއް ހޯދާކަށްނޫން. ޤާނޫނު ހަދަން. ބިލް ޑްރާފްޓްކުރަން. ނަޒާހަތްތެރިކަމާ ގުޅިފައި އޮންނާނީ ތިއައިން ބޭފުޅެއްގެ ލައިގެންކާއެއްޗެއް ނުވަތަ އަންނައުނަށް މިތަނުން ވަސީލަތްތަކާއި މިތަނުގެ ބޭނުންތައް ބޭނުންކުރީމަ. ޤާނޫނު ހަދަން އަޅުގަނޑުމެން މި ބޭނުންކުރަނީ މިތަނުގެ ވަސީލަތްތައް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން މަޖިލިހަށް ފޮނުވަން ބޭނުން ބިލްތަކެއް ސީދާ ރަައްޔިތުންގެ މަޖިލިހުން ޑްރާފްޓްކުރަން ފެށުމާއެކު ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހާއި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށެވެ. މަޖިލީހުން ބިލްތައް ޑްރާފްޓްކުރަން ފެށުމުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވެފައިވަނީ ސަރުކާރުން މަޖިލިހަށް ސަރުކާރުން ބިލް ހުށައަޅަނީ، ސަަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައިކަމަށެވެ. އަދި ނަޒާޙަތްތެރި މަޖިލީހަކުން އެފުރުޞަތު ސަރުކާރަށް ފަހިކޮށްދޭނެކަމަށްވެސް ބަންޑާރަ ނާއިބު ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ރައީސް އޮފީހުން ވިދާޅުވީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ޤާނޫނުތަކުގެ ބިލްތައް ސީދާ ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރަން އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ސިޓީފުޅެއް ފޮނުއްވާފައިނުވާނެކަމަށެވެ.