ކުޅިވަރު

ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ


މިހާރު ކުރިޔަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.

މިދިޔަ މަހުގެ 15 އިން މިމަހުގެ 19 ގެ ނިޔަލަށް ހުޅުމާލޭގައި ކުރިޔަށްދާ މި މުބާރާތުގައި ރޭ ވަނީ ދެވަނަ ބުރުގެ ހުރިހާ މެޗެއް ކުޅެފައެވެ. އެގޮތުން ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތަކަކީ ކ.ގުރައިދޫ، އދ.އޮމަދޫ، ލ.ގަން، ބ.އޭދަފުށި، ރ.އިނގުރައިދޫ އަދި ތ.ތިމަރަފުށި އިތުރުން ގދ.މަޑަވެލިއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ، މ.ދިއްގަރު އަދި ކ.ގުރައިދޫއެވެ. މި މެޗު 0-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގުރައިދޫއެވެ. މި މެޗުގައި ގުރައިދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަޙުމަދު ނަބީލް، އިބްރާހިމް ސޮފްވާން އަދި އަޙުމަދު ޝުޢޫންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ގުރައިދޫ ޓީމުގެ އަޙުމަދު ޝުޢޫންއެވެ.

މުބާރާތުގައި ރޭ މާފަންނާއި އދ.އޮމަދޫ ބައްދަލުކުރި މެޗު 3-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮމަދޫއެވެ. މި މެޗުގައި އޮމަދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، މޫސާ އަރީފް އަދި ޢަލީ އަޒްމީއެވެ. މާފަންނު ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު އިމްރާން އަދި މުހައްމަދު ސުޖާން އަޙުމަދުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އޮމަދޫ ޓީމުގެ މޫސާ އަރީފްއެވެ.

މުބާރަތުގެ ދެވަނަ ބުރުގައި ރޭ ލ.ގަން އަދި ފ.ނިލަންދޫ ބައްދަލުކުރި މެޗު 0-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލ.ގަން ފުޓްސަލް ޓީމެއެވެ. މި މެޗުގައި ލ.ގަމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ޙުސައިން ޝަރީފް، ޢަލީ ޝާމިސް އަދި މުހައްމަދު މުސްލިޙްގެ އިތުރުން އަޙުމަދު އަޖުވަދުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ލ.ގަން ޓީމުގެ ހުސައިން ޝަރީފްއެވެ.

ދެވަނަ ބުުރުގައި ބ.އޭދަފުއްޓާއި ހދ.ނާވައިދޫ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާތީ ކުއާޓާ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ޕެނަލްޓީގައި ނާވައިދޫގެ މައްޗަށް އޭދަފުށި ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އޭދަފުށިން ޖެހި ޕެނަލްޓީތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ޢަލީ ފާސިރު އަދި އުނައިޝް ޒުބައިރުއެވެ. ނާވައިދޫ ޓީމުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ މުހައްމަދު ނާޝިދު ޖެހި ޕެނަލްޓީ އެކަންޏެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ބ.އޭދަފުށި ޓީމުގެ ޢަލީ ފާސިރުއެވެ.

މުބާރާތުގައި ރޭ އެންމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައީ ރ.އިނގުރައިދުއާއި އއ.ބޮޑުފުޅަދޫ ބައްދަލުކުރި މެޗެއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް ވަނީ 4-4 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-7 އިން ބޮޑުފުޅަދޫގެ މައްޗަށް އިނގުރައިދޫ ކުރި ހޯދާ މުބާރާތުގެ ކުއާޓާ ފައިނަލަށް އެޓީމު ވަނީ ދަތުރުކޮށްފައެވެ. މި މެޗުގައި އިނގުރައިދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަޙުމަދު އައިހަމް، ޢަލީ ޙާފިޒް އަދި މުހައްމަދު ޖުމާންއެވެ. ބޮޑުފުޅަދޫ ޓީމުން މެޗުގައި ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ރުޙުޝާން ޖަމީލް، އަޙުމަދު ރިޔުޝާން އަދި މުހައްމަދު ޝިރުޙާންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ބޮޑު ފުޅަދޫ ޓީމުގެ މުހައްމަދު ޝިރުހާންއެވެ.

މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެންނަ އެއް ޓީމުކަމަށްވާ ތ.ތިމަރަފުއްޓާއި ހެންވޭއިރު ބައްދަލުކުރި މެޗު 0-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ތިމަރަފުށިއެވެ. މި މެޗުގައި ތިމަރަފުށިން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހިމް އަސްވަދު، ޢަބްދުﷲ ޒާޔާން އަދި ޢަލީ ޝީފާއުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ތިމަރަފުށީގެ އިބްރާހިމް އަސްވަދުއެވެ.

ދެވަނަ ބުރުގައި ރޭ އައްޑޫސިޓީގެ މަރަދޫ އާއި ގދ.މަޑަވެލި ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މަޑަވެލިއެވެ. މި މެޗުގައި މަޑަވެލި ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ނަސީފް ހަސަން ސަޢީދު އަދި ނާއިފް ޝާފީގްއެވެ. މަރަދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ހަސަން ލާހް އަދި ހަސަން ޝިއުޒްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ މަޑަވެލި ޓީމުގެ ނަސީފް ހަސަންއެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދޭނީ 25،000 ރުފިޔާ އެވެ.