ކުޅިވަރު

މިދިޔަ އަހަރުގެ އެންމެ މޮޅު 3 ކްރިކެޓަރުންނަކީ އަޒްޔާން، މަހްފޫޒް އަދި ނާސިފް!


2018 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ އެންމެ މޮޅު 3 ކްރިކެޓް ކުޅުންތެރިންނަށް އަޒްޔާން، ނާސިފް އަދި މަހްފޫޒް ހޮވައިފިއެވެ.

މިލާން ކްރިކެޓް އެކަޑެމީއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަފްލާގައި 2018 ވަނަ އަހަރުގެ އެންމެ މޮޅު 3 ކްރިކެޓް ކުޅުންތެރިންނަށް އެވޯޑް ހަވާލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު 3 ކްރިކެޓަރުންނަކީ ޔޫސުފް އަޒްޔާން ފަރުހަތު، އާދަމް ނާސިފް އުމަރުގެ އިތުރުން ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން މުޙައްމަދު މަހްފޫޒްއެވެ. ޒުވާން ދެ ކުޅުންތެރިންކަމަށްވާ އަޒްޔާންއައި ނާސިފްވަނީ މިދިޔަ އަހަރުގެ 21 އަހަރުންދަށުގެ އެންމެ އުންމީދީ 3 ކްރިކެޓް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. މި ދެ ކުޅުންތެރިން އިތުރުން އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް ދެން ލިބުނީ އިސްހާޤް އީސާ މުޒަންމިލްއަށެވެ.

ސްކޫލް ދަރިވަރުންގެ ތެރެއިން 2018ވަނަ އަހަރުގެ އެންމެ މޮޅު 3 ކުޅުންތެރިންނަށް ހޮވުނީ އިސްމާއިލް ރަޒީން އިމްރާން، އިބްރާހިމް ސަދޫފް އަދި ރައްސާމް ރަޝީދުއެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު 3 އަންހެން ކްރިކެޓް ކުޅުންތެރިންނަށް ހޮވުނީ އައިޝަތު އައިމާ، އައިޝަތު ހަމްޒާގެ އިތުރުން ސުމައްޔާ ބިންތް ހަމީދުއެވެ.

އަހަރުގެ އެންމެ މޮޅު ކްރިކެޓަރުން ހޮވުމުގެ އިތުރުން 2017ވަނަ އަހަރާއި، 2018ވަނަ އަހަރު އެކި ގޮތްގޮތުން މިލާން ކްރިކެޓް އެކަޑެމީއަށް އެހީތެރިވެދެއްވި ފަރާތްތަކަށާއި، ސްޕޮންސަރުންނަށްވަނީ ހަނދާނީ ފިލާ ހަވާލްކޮށްފައެވެ. މިގޮތުން 52 ދެ ފަރާތަކަށްވަނީ އެކަޑެމީގެ ޚާއްސަ ފިލާދީފައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ކްރިކެޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ 18 ފަރާތްތަކަށްވެސް ހަނދާނީ ފިލާވަނީ ދީފައެވެ.

މިލާން ކްރިކެޓް އެކަޑެމީއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި މިލާން ކްރިކެޓް އެކަޑަމީގެ ލަވަ ހެއްދެވި އަހްމަދު ނާޝިދަށް ހަނދާނީ ފިލާ ދިންއިރު، މިލާން ކްރިކެޓް އެކަޑަމީގެ 10 އަހަރުގެ ލޯގޯ ހެދި އަހްމަދު ސާލިހަށްވެސްވަނީ ހަނދާނީ ފިލާދީފައިއެވެ.