ޚަބަރު

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު: ކެނޑިޑޭޓުންނާއި ރިޔާސީ ވަޢުދުތައް


2015ވަނަ އަހަރު ސްރީ ލަންކާގެ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށްފަހު އެ ޤައުމުގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު ނޮވެމްބަރު 16ވަނަ ދުވަހު ބާއްވާނެކަމަށް އެ ޤައުމުގެ އިންތިޚާބާ ބެހޭ އިދާރާއިންވަނީ އިޢުލާންކޮށްފައެވެ. ސްރީ ލަންކާގެ ރިޔާސަތާ ހަވާލުވާ ބޭފުޅަކަށް ކުރިމަތިވާނެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި 87 ބިލިއަން އެމެރިކާ ޑޮލަރުގެ އިޤްތިޞާދެއް އޮންނަ ސްރީ ލަންކާގައި ސިޔާސީ ހަމަޖެހުމާއި މިދިޔަ އޭޕްރިލް މަހު އެ ޤައުމަށް ދިން ވަރުގަދަ ބޮމުގެ ޙަމަލާތަކުން އަރައިގަތުން ހިމެނެއެވެ.

ސްރީ ލަންކާގެ އިންތިޚާބާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ރައީސަށް ލިބިދޭ ބާރުތައް ކުރިއަށްވުރެ ހަނި ކުރުމަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބުގައި 16 މިލިއަން މީހުނަށް ވޯޓުލުމުގެ ޙައްޤުލިބިފައިވާކަމަށެވެ. އަދި މިއީ މިހާތަނަސް އެންމެ ގިނަ ކެނޑިޑޭޓުން އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަހަރަށްވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. އެހެންކަމުން، އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނައިން ވޯޓް ހޯދާ އިންތިޚާބު ކާމިޔާބުކުރާނެކަމަކަށް ނުބެލެވެއެވެ.

2015ވަނަ އަހަރު ރިޔާސަތާ ހަވާލުވެވަޑައިގެންނެވި މައިތްރިޕަލާ ސްރިސޭނާ އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އަދި އިޢުލާންކުރައްވާފައެއް ނުވެއެވެ. އަދި އޭނާގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ސަޖިތު ޕްރެމަދަސަ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވާ އިންތިޚާބުގެ ކެންޕެއިން ފެއްޓެވުމުން، ސަރުކާރުގެ ކެނޑިޑޭޓަކީ އޭނާކަމަށް ބެލެވެއެވެ. ނަމަވެސް، އިންތިޚާބުގައި ވާދަކުރައްވަން ސްރިސޭނާ ނިންމަވައިފިނަމަ އަނެއްކާވެސް ސްރީ ލަންކާގެ ސިޔާސީ މަޝްރަހަށް ބޮޑު ލޮޅުމެއް އަންނާނެކަމަށް ބެލެވެއެވެ.

ނޮވެންބަރު 16ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިވެއްޖެނަމަ ހަނގުރާމައިގެ ތަޖުރިބާހުރި އިސް ބޭފުޅަކި ޤައުމީ ސަލާމަތާބެހޭ އިސްވެރިޔަކަށް ހަމަޖައްސަވާނެކަމުގެ ވަޢުދާއެކު ސަޖިތު ޕްރެމަދަސަ ރިޔާސީ އިންތިޚާބު ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އުމުރުފުޅުން 52 އަހަރުގެ ޕްރެމަދަސަކީ މިހާރު ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ މަޤްބޫލު ކެނޑިޑޭޓެވެ. އަދި ފަޤީރުކަމާ ދެކޮޅަށް އޭނާ ގެންގުޅުއްވާ ސިޔާސަތުތަކަކީ ސްރީ ލަންކާގެ ޢާންމުންނަށް ކަމުގޮސްފައިވާ ސިޔާސަތުތަކެކެވެ. މީގެ އިތުރުން، ތަމަޅައިން ދިން ޙަމަލާއެއްގައި އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް ރަނަސިންހާ ޕްރެމަދާސަ 1993ވަނަ އަހަރު އަވަހާރަވެފައިވުމަކީވެސް އޭނާއަށް ގިނަ ވޯޓުތަކެއް ލިބިވަޑައިގަންނަވާނެކަމެއްކަމަށް ބެލެވެއެވެ.

1994ވަނަ އަހަރު ޔޫއެންޕީން ސިޔާސީ ޙަޔާތް ފެއްޓެވި ޕްރެމަދާސަވަނީ އެ ޤައުމުގެ ރައްޔިތުން ގެދޮރުވެރިކުރެއްވުމަށާއި ފަޤީރުކަން ނައްތަވާލެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ނިއު ޑިމޮކްރެޓިކް ފްރޮންޓް (އެންޑީއެފް)ގެ ޓިކެޓުގައެވެ. އެންޑިއެފަކީ ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެގެ ޔުނައިޓެޑް ނެޝަނަލް ޕާޓީއާ އިއްތިޙާދުވެފައިވާ ޕާޓީއެކެވެ.

ޕްރެމަދާސަގެ ކެންޕޭނުގެ ޢަމާޒު ބޮޑަށް ހުރީ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރެއްވުމަށާއި އިޤްތިޞާދީ ދުވެލި ރަނގަޅު ކުރެއްވުމަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ގޯލް ފޭސް ގްރީންގައި އޭނާގެ ކެންޕޭނު ފެއްޓެވުމަށް ބޭއްވި އެއްވުމުގައި ޕްރެމަދާސަވަނީ ޤައުމީ ސަލާމަތާބެހޭ ކަންކަން ހަރުދަނާ ކުރެއްވުމަށް ކުރައްވާނެ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އޭނާވަނީ ސްރީ ލަންކާއިން ފަޤީރުކަން ނައްތަވާލައްވާ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް 2025ގައި ހުރިހާ ރައްޔިތުންނަށް ގެދޮރު ފޯރުކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ކެންޕޭނު ފެއްޓެވުމުގެ ކުރިން ޕްރެމަދާސަވަނީ ނުފޫޒުގަދަ ބުދިސްޓު ހާމުދުރުންގެ ރުހުން ހޯއްދެވުމަށް އެ މީހުންނާ ބައްދަލުކުރަށްވާފައެވެ. ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ބުދިސްޓުންގެ ވޯޓު މުޙިއްމެވެ. އެ ޤައުމުގެ އާބާދީގެ 70 އިންސައްތައަކީ ބުދިސްޓުންނެވެ. އެހެންކަމުން، އެ ޤައުމުގެ ވެރިކަމަށް އާދެވެނީ ބުދިސްޓު ހާމުދުރުންގެ ރުހުމާއެކުއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ސަޖިތު ޕްރެމަދަސައަށް އޮތް އެންމެ ބޮޑު ހުރަހަކީ ސްރީ ލަންކާގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އެންމެ ނުފޫޒުގަދަ އާއިލާކަމަށްވާ ރާޖަޕަކްސަ އާއިލާއެވެ. އެގޮތުން، މަހިންދަ ރާޖަޕަކްސަވަނީ 5 އަހަރުގެ ރިޔާސީ 2 ދައުރު ފުރިހަމަކުރައްވާފައެވެ. މި ފަހުން، އޭނާވަނީ ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގަތުމަށްވެސް މަސައްކަތްކުރައްވާފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވީއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސައެވެ. ރާޖަޕަކްސަ އާއިލާގެ ފުރިހަމަ ތާޢީދާއެކުއެވެ. އޭނާގެ ކެންޕެއިނުގައި އެންމެ އަވަދިނެތި އުޅުއްވަނީ ބޭބޭފުޅު މަހިންދައެވެ. ގޮތަބަޔާވަނީ އޭނާގެ ބޭބޭފުޅުގެ ވެރިކަމުގައި ދިފާޢީ ވަޒީރުކަންވެސް ކުރައްވާފައެވެ. މި ފަހުން އޭނާ އެ މަޤާމުގައި ހުންނަވައިގެން ދަޢުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުޙުމަތުތަކެއްވަނީ ފެންމަތިވެފައެވެ. ނަމަވެސް، އޭނާވަނީ މި ހުރިހާ ތުހުމަތަކުން ބަރީޢަ ވެވަޑައިގެންފައެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕޭން ގޮތަބަޔާ ފެއްޓެވީ ވެރިރަށް ކޮލަންބޯއާ 212 ކިލޯމީޓަރު ދުރުގައި އޮންނަ ބުދިސްޓުންގެ ތާރީޚީ ރަށެއްކަމަށްވާ އަނުރަދަޕުރާގައެވެ. ކެންޕޭނު ފެއްޓެވުމަށް ބޭއްވެވި އެއްވުމުގައި ގޮތަބަޔާ ވިދާޅުވީ މިހާރުގެ ސަރުކާރުން ދީނީ މިނިވަންކަން ނިގުޅައިގެންފައިވާކަމަށެވެ.

ބޭބެ މަހިންދަ ރާޖަޕަކްސަގެ އަރިހުގައި ހުންނަވާ ޕާޓީގެ އެތައް ހާސްބަޔަކާ މުޚާތަބުކުރައްވާ ގޮތަބަޔާވަނީ ނޮވެންބަރު 16ގައި ރައްޔިތުން އެ މީހުންގެ ޒިންމާއަދާކޮށް، އޭނާ އިންތިޚާބުކުރައްވައިފިނަމަ، އޭނާގެ ޒަޢާމަތުގައި ސްރީލަންކާއަކީ ރައްކާތެރި ޤައުމަކަށް ހައްދަވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ގޮތަބަޔާ އިތުރަށް ވިދާޅުވީ އެއްވެސް ތުޙުމަތެއް ނެތި ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން އޭނާ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިވަންކޮށްދެއްވާނެކަމަށެވެ. މި މީހުންގެ ތެރޭގައި އެ ޤައުމުގައި ކުރި ދާޚިލީ ހަނގުރާމައިގައި ބޮޑެތި ކާމިޔާބީތައް ޙާޞިލުކޮށްފައިވާ ސިފައިންގެ ފަހުލަވާނުންވެސް ހިމެނެއެވެ.

ގޮތަބަޔާގެ ވަޢުދުތައް ބޮޑަށް ޢަމާޒުކުރައްވާފައިވަނީ ސްރީ ލަންކާގެ ޤައުމީ ސަލާމަތާއި އެ ޤައުމުގެ ރަސްމީ ދީންކަމުގައިވާ ބުދު ދީން ޙިމާޔަތްކުރެއްވުމަށާއި ހަނގުރާމައިގައި ބައިވެރިވެފައިވާ ސިފައިން ޖަލުން މިނިވަންކުރެއްވުމުގެ މައްޗަށެވެ.

ސްރީ ލަންކާގައި ދާދި ފަހުން ދިން ވަރުގަދަ ބޮމުގެ ޙަމަލާތައް ދިނުމުގެ ކުރިން އެކަމާ ގުޅޭ މަޢުލޫމާތުތައް އިންޑިއާގެ ޖާސޫސީ އިދާރާތަކުން ދިން ނަމަވެސް އެކަމަށް ސަމާލުކަން ނުދެއްވާ، އެ އިންޒާރުތަކަށް ސިރިސޭނާގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅުއްވާކަން އެނގުމުން، ގޮތަބަޔާގެ ތާޢީދުވަނީ ފާއިތުވެދިޔަ މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެފައެވެ. ބުދިސްޓުންގެ މެދުގައި އޭނާގެ މަޤްބޫލުކަން ބޮޑު ނަމަވެސް، ބައިމަދު އާބާދީތައް އޭނާއަށް ވޯޓު ދޭނެކަމަކަށް ނުބެލެވެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ޤައުމީ ސަލާމަތާއި ހައްދެއްނެތް ކޮރަޕްޝަނާއި ނަޞްލީ އަދި ދީނީ ތަފާތު ކުރުމުގެ މައްސަލަތަކަށް ޙައްލުހޯއްދެވުމަށް ކެނޑިޑޭޓުން ޢަމަލުކުރައްވާނެ ސިޔާސަތުތަކަކީ ނޮވެންބަރު 16ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޢާންމުން ވޯޓުލުމުގައި ބަލާނެ މުޙިއްމު ދާއިރާތަކެވެ.